ޤައުމެއްގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރަން ފަށަން ޖެހެނީ ހަރުދަނާ ޢާއިލާތަކެއް ބިނާކުރުމާ ހަމައިންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްްގައި ރައީސް ވިދާޅުވީ ޢާއިލާއެއްގެ ފެށުމަކީ މައިންބަފައިންކަމަށް ވާއިރު، ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށްފަހު، މުސްލިމަކު ދެން އެންމެ ބޮޑު އިސްކަމެއްދޭން އަމުރުވެވިގެންވާ އެއްކަމަކީ މައިން ބަފައިންނަށް ހެޔޮކޮށްހިތުމާއި ކިޔަމަންގަތުންމަށްކަމަށެވެ.
ހަމައެކަނި މިކަމުންވެސް މާތްވެގެންވާ އިސްލާމްދީން ޢާއިލާއަށްދޭ ޤަދަރާއި އަހުމިއްޔަތުގެ ބޮޑުކަން ހާމަވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޢާއިލާއިން އުފައްދައިދޭ ލޭގެ މަތިވެރި ގުޅުމަކީ ދުވަހަކުވެސް ކެނޑިގެންދާނެ ގުޅުމެއް ނޫންކަމަށާއި ޤައުމެއްގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރަން ފަށަން ޖެހެނީ ބަދަހި އަދި ހަރުދަނާ ޢާއިލާތަކެއް ބިނާކުރުމާ ހަމައިންކަަމަށެވެ.
ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވީ ދިވެހި ކޮންމެ ރައްޔިތަކަށްމެ ޢާއިލީ ލޯތްބާއި އަޅަައިލުމާއެކު ބާއްޖަވެރި ޙަޔާތަކަށް އެދި ދުޢާކުރައްވަމުންނެވެ.