ވ. އަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ފަތުރުވެރިން ހޯދުމުގެ މަސައްކަތަކީ ސަރުކާރުން ނުހަނު އިސްކަންދޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާއަށާއި އެ ގައުމުގެ ރައްޔިތުންނަށް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ރައީސް ވިދާޅުވީ، އިޓަލީގެ ފަސް ފަތުރުވެރިން ގެއްލުނު ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށެވެ. އަދި މި ދަނޑިވަޅުގައި ދިވެހި ރައްޔިތުންގެ ހެޔޮ ދުޢާތައް ވަނީ ގެއްލިފައިވާ ފަރާތްތަކުގެ އާއިލާތަކާ އެކުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ހާދިސާގައި ޖުމްލަ 5 ފަތުރުވެރިން ގެއްލުނުއިރު، މިހާތަނަށް ފެނިފައި ވަނީ އެކެއްގެ ހަށިގަނޑެވެ. ބާކީ ތިބި 4 މީހުން ހޯދުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ދަނީ ޚާއްސަ ރެސްކިއު އޮޕަރޭޝަނެއް ހިންގަމުންނެވެ.
މި އޮޕަރޭޝަނުގައި އިޓަލީ ސަރުކާރުން ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގެއްލިފައިވާ މީހުން ހޯދުމަށް ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ ދިވެހި ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
ވ. އަތޮޅުގެ ޑައިވިންގް ޕޮއިންޓަކަށް ފީނަން ގޮސް އުޅެނިކޮށް ހިނގި މި ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް އެމްއެންޑީއެފުން ދަނީ ވަސީލަތްތަކުގެ ބޭނުން ހިފައިގެން މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.