419 ފަސިންޖަރުންނާއެކު ކްރޫޒް ލައިނާއެއް ރާއްޖެ އަތުވެއްޖެ

tytghg

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރަށް ހުރަސްތަކެއް ކުރިމަތިވެ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް ދަށްވެފައިވާ ދަނޑިވަޅެއްގައި، ބޮޑު ކުރޫޒް ލައިނާއެއް ރާއްޖެ އަތުވެއްޖެއެވެ.

ސްރީލަންކާގެ ކޮލޮމްބޯއިން ފުރައިގެން އައި "އެމްއެސް ސެވަން ސީސް ނެވިގޭޓަ" މިއަދު ހެނދުނު ވަނީ މާލޭގެ ބަނދަރަށް ބަނދަރުކޮށްފައެވެ. ރީޖެންޓް ސެވަން ސީސް ކްރޫޒަސް އިން އޮޕަރޭޓުކުރާ މި އުޅަނދަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޚިދުމަތްތައް ފޯރުކޮށްދޭ ބޯޓެކެވެ.

މި ދަތުރުގައި ޖުމްލަ 419 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. މީގެ ތެރޭގައި ގިނައީ ޔޫރަޕްގެ ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ. ބޯޓުގައި 371 ކްރޫން މަސައްކަތް ކުރެއެވެ. ގާތްގަނޑަކަށް 172 މީޓަރު ދިގު، 28,000 ޓަނުގެ މި ބޯޓަކީ ލަގްޒަރީ ދަތުރުތަކަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ އުޅަނދެކެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ކަސްޓަމްސް ގުޅިގެން މިއަދު ހެނދުނު ވަނީ މި ބޯޓަށް ބޭނުންވާ ހުރިހާ ކްލިއަރެންސްތަކެއް ފޯރުކޮށްދީފައެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި، މިފަދަ ބޮޑު އުޅަނދެއް ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު ރާއްޖެ އައުމަކީ، ގޮންޖެހުންތަކާއެކު ވެސް ރާއްޖޭގެ ކުރޫޒް ޓޫރިޒަމް ކުރިއަރަމުންދާކަމުގެ ހެއްކެކެވެ.

އާންމުކޮށް 490 މީހުންގެ ޖާގަ އޮންނަ މި ބޯޓުގެ މި ދަތުރަކީ ރާއްޖޭގެ އިގްތިސޯދަށް، ޚާއްސަކޮށް މާލޭގެ ވިޔަފާރިތަކަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ