އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން އައިއޯޓީސީގެ 30 ވަނަ ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއީ، މި ބައްދަލުވުން ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ.
މި ބައްދަލުވުންތަކުގައި މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވަނީ، އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކަށް އަމާޒުކޮށްގެން ކުރާ މަސްވެރިކަން ރާވާ ހިންގައި ބެލެހެއްޓުމާއި އަދި އެބާވަތްތައް ހިމާޔަތްކުރުމާ ގުޅޭގޮތުންނެވެ.
އައިއޯޓީސީގެ 30 ވަނަ އަހަރީ ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ޤައުމުތަކާއި، މި ސަރަހައްދުގައި މަސްވެރިކަން ކުރާ އެހެނިހެން ޤައުމުތަކާއި ކަމާ ގުޅުންހުރި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ފަރާތުން 225 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވިއެވެ.
މިފަހަރުގެ ބައްދަލުވުމުގައި ޖުމްލަ 7 ޤަރާރެއް ފާސްކޮށްފައިވެއެވެ.
މިގޮތުން، މި ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ތިން ޤަރާރެއް ހުށަހަޅައި، އެ ޤަރާރުތައް ވަނީ ކާމިޔާބުކަމާއެކު ފާސްކޮށްފައެވެ. އެއީ މަޑި (މޮބިޔުލިޑް) އާއިލާގެ ބާވަތްތައް ހިމާޔަތްކުރުމާ ގުޅޭ ޤަރާރަކާއި، މަސްވެރިކަމުގެ ތަފާސްހިސާބުތައް ހުށަހެޅުމުގެ ކަންކަން ހަރުދަނާކުރުމާ ބެހޭ ޤަރާރެއްގެ އިތުރުން، ބީބީއެންޖޭ މުއާހަދާއާ ގުޅިގެން މަސައްކަތް ކުރުމަށް މިދިޔަ އަހަރު ހުށަހެޅި ހުށަހެޅުން އަމަލުކުރުން ލާޒިމުކުރާ ޤަރާރަކަށް ބަދަލުކުރުމާ ގުޅޭ ޤަރާރެކެވެ.
މީގެ އިތުރުން، ރީނދޫއުރަހަ ކަންނެއްޔާއި ތުންގަނޑު ހިބަރު އެކި ޤައުމުތަކަށް ބޭނޭނެ މިންވަރު ކަނޑައަޅައި، އެކަން ތަންފީޒު ކުރުމަށްޓަކައި އެޅޭނެ ހަރުދަނާ ފިޔަވަޅުތައް ބަޔާންކޮށްފައިވާ ދެ ޤަރާރެއް ފާސްކުރުމުގައިވެސް ދިވެހިރާއްޖެއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.