ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ފުން ހޮހަޅައަކަށް ފީނަން އުޅުމުގެ ތެރޭގައި އިޓަލީގެ ފަސް ފަތުރުވެރިއަކު މަރުވި ހާދިސާއަކީ އިހުމާލަކުން ހިނގި ކަމެއް ނޫން ކަމަށާއި، އެތަނުގެ އަޑީގައި "ކޮންމެވެސް ކަމެއް ގޯސްވީ" ކަމަށް މަރުވި މީހުންގެ ތެރޭގައި ހިމެނޭ މަޝްހޫރު ސައިންސްވެރިޔާގެ ފިރިމީހާ ބުނެފިއެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އިޓަލީގެ ޖެނޯއާ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯންއާއި އޭނާގެ 22 އަހަރުގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް ހިމެނެއެވެ.
މޮނިކާގެ ފިރިމީހާ ކާލޯ ސޮމަކާލް އިޓަލީގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އޭނާގެ އަންހެނުންނަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ މޮޅު ޑައިވަރެއް ކަމަށެވެ. އެހެންކަމުން، އޭނާގެ ދަރިފުޅާއި އެ ގްރޫޕްގައި ތިބި އެހެން މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭ ފަދަ އެއްވެސް ކަމެއް މޮނިކާ ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ކާލޯ ބުންޏެވެ. އޭނާ ތުހުމަތު ކުރާ ގޮތުގައި، ހޮހަޅައިގެ އަޑީގައި އޮކްސިޖަން ޓޭންކަށް މައްސަލައެއް ދިމާވުން ފަދަ ކުއްލި ކަމެއް މެދުވެރިވީއެވެ.
މި ހާދިސާ ހިނގާފައިވަނީ ވ. އަތޮޅުގެ 50 އާއި 60 މީޓަރާ ދެމެދުގެ ފުން މިނެއްގައި ހުރި ހޮހަޅަތަކެއް ބަލައިލުމަށް ކުރި ދަތުރެއްގައެވެ. މި ދަތުރުގައި ޖުމްލަ 20 މީހުން ބައިވެރިވި ނަމަވެސް، ހޮހަޅައަށް ވަނުމަށް ނިންމީ މަދު ބައެކެވެ. މައުލޫމާތު ލިބޭ ގޮތުގައި، ހަވަނަ މީހަކުވެސް އެ ގްރޫޕާއެކު ފީނަން ދާން އުޅުނެވެ. ނަމަވެސް، އެންމެ ފަހު ވަގުތު އޭނާ ވަނީ އެ ނިންމުން ބަދަލުކޮށް، ފީނަން ނުގޮސް މަޑުކޮށްފައެވެ.
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވި ގޮތުގައި، އެ މީހުން ފީނަން ދިޔަ ސަރަހައްދަކީ އާދައިގެ ޑައިވަރުންނަށް ހުއްދަ ދީފައިވާ ފުން މިނަށްވުރެ މާ ފުން ސަރަހައްދެކެވެ. އެހާ ފުން ހިސާބުތަކަށް، އެންމެ ޒަމާނީ ވަސީލަތްތައް ހުންނަ ޑައިވަރުންވެސް އާންމުކޮށް ނުދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ހާދިސާއާ ގުޅިގެން، ހުއްދަ ދެވިފައިވާ މިންގަނޑަށްވުރެ ފުން ސަރަހައްދަކަށް އެ މީހުން ދިޔަ ގޮތް ބެލުމަށް ވަކި ތަހުގީގެއް ހިންގާނެ ކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މަރުވި މީހުންގެ ހަށިތައް ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ހާއްސަ "ހައި ރިސްކު" އޮޕަރޭޝަނެއް ފަށާފައެވެ. އަދި މިއޮޕަރޭޝަނުގައި ޑައިވްކުރަނިކޮށް ހާލުދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ވަނީ ނިޔާވެފައެވެ. މަހުދީ ނިޔާވުމާ ގުޅިގެން މިހާރު އެ އޮޕަރޭޝަން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ނަމަވެސް، މި އޮޕަރޭޝަން އަލުން ފެށުމަށްޓަކައި ފިންލޭންޑްގެ ހާއްސަ ތަޖުރިބާކާރުންގެ ޓީމެއް މާދަމާގެ ވަގުތެއްގައި ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ. މި ހާދިސާގައި މަރުވި އަނެއް ތިން މީހުންނަކީ ރިސާޗަރެއް ކަމަށްވާ މިއުރިއަލް އޮޑެނީނޯއާއި، މެރިން ސައިންޓިސްޓް ފެޑެރިކޯ ގުއަލްޓިއޭރީގެ އިތުރުން ޑައިވް އޮޕަރޭޓަރެއް ކަމަށްވާ ޖިއަންލޫކާ ބެނެޑެޓީއެވެ. މިއީ މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި މިފަދަ އެންމެ ހިތާމަވެރި ހާދިސާއެވެ.