ވ. އަތޮޅުގެ ސަރަހައްދަކަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމަށް ހިންގި ރިކަވަރީ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުން ދަނިކޮށް، ކުއްލި ގޮތަކަށް ނިޔާވި ސިފައިންގެ ޑައިވަރު، ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފިއެވެ.
މަހުދީގެ މޫނު ދެއްކުމާއި ކަށުނަމާދު ކުރިއަށް ގެންގޮސްފައިވަނީ މިރޭ 19:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައެވެ. މި ކަށުނަމާދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއި، ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ސިފައިންނާއި އާންމުންގެ އެތައް ސަތޭކަ ބަޔަކު ބައިވެރިވެވަޑައިގެންނެވިއެވެ.
މަހުދީގެ ޖަނާޒާ ބާއްވާފައިވަނީ ރަސްމީ އިއްޒަތުގެ ދެވަނަ ދަރަޖައިގައެވެ. އިސްލާމީ މަރުކަޒުގައި ކުރެވުނު ކަށުނަމާދަށް ފަހު، އޭނާގެ ހަށިގަނޑު ވަޅުލުމަށް ގެންގޮސްފައިވަނީ އާސަހަރާއަށެވެ. މަހުދީގެ ހަށިގަނޑު އާސަހަރާގައި ވަޅުލުމުގެ ކުރިން، ސިފައިންގެ ފަރާތުން ވަނީ އޭނާއަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ހަތް ބަޑީގެ ސަލާމެއް އަރުވާފައެވެ. މި ރަސްމިއްޔާތުގައިވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.
އެމްއެންޑީއެފްގެ ކޯސްޓްގާޑުގައި މަސައްކަތް ކުރަމުންދިޔަ މަހުދީ ނިޔާވީ، ގެއްލިފައިވާ ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި ޑައިވް ކުރަނިކޮށް ޑީކޯ ވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާއަކީ އެމްއެންޑީއެފުން "ހައި ރިސްކު" އޮޕަރޭޝަނެއްގެ ގޮތުގައި ސިފަކޮށްފައިވާ މި މިޝަނުގައި ބައިވެރިވި އަށް ޑައިވަރުންގެ ތެރެއިން އެކެކެވެ.
މި އޮޕަރޭޝަނަކީ މި މަހުގެ 14 ވަނަ ދުވަހު ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރިއަށް ޑައިވިންއަށް ދިޔަ އިޓަލީގެ ފަސް ފަތުރުވެރިންގެ ތެރެއިން ގެއްލުނު މީހުން ހޯދުމަށް ފެށި މަސައްކަތެކެވެ. ދިވެހި ޑައިވަރަކާ ނުލައި ޑައިވިންއަށް ދިޔަ މި ފަތުރުވެރިންގެ ތެރެއިން އެކަކު ނިޔާވެފައި އޮއްވާ ފެނިފައިވަނީ ހަމަ އެ ދުވަހު ކަނޑުގެ 60 މީޓަރު އަޑިން، ކޭވްއެއްގެ ތެރެއިންނެވެ.
މަހުދީ ނިޔާވުމާ ގުޅިގެން މިހާރު އެ އޮޕަރޭޝަން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ނަމަވެސް، މި އޮޕަރޭޝަން އަލުން ފެށުމަށްޓަކައި ފިންލޭންޑްގެ ހާއްސަ ތަޖުރިބާކާރުންގެ ޓީމެއް މާދަމާގެ ވަގުތެއްގައި ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.