ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް، ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި އިބްރާހީމް މުހައްމަދު ސޯލިހު ގުޅިގެން އުފައްދަވާ އިއްތިހާދުގެ ސިޔާސީ މަގުޗާޓު އެކުލަވާލުމުގެ ފުރަތަމަ ބައްދަލުވުން މާދަމާ ބޭއްވުމަށް ތާވަލުކޮށްފިއެވެ.
މިއީ މި ތިން ރައީސުންގެ މެދުގައި ސިޔާސީ މަޝްވަރާތަކަށް މިފަދަ ރަސްމީ ކޮމިޓީއެއް އެކުލަވާލި ފުރަތަމަ ފަހަރެވެ. މި ކޮމިޓީން އިއްތިހާދުގެ ކުރިމަގުގެ ހަރަކާތްތަކާއި އިސްތިރާޖީ ރޭވުންތައް ކަނޑައަޅާނެއެވެ.
ކޮމިޓީގައި ތިން ރައީސުން ތަމްސީލުކުރައްވާ މަންދޫބުން:
- ރައީސް ނަޝީދު: ފައްޔާޒު އިސްމާއީލް (އެމްޑީޕީގެ ކުރީގެ ޗެއާޕާސަން) އަދި އީވާ އަބްދުالله (މަޖިލީހުގެ ކުރީގެ ނައިބު ރައީސް)
- ރައީސް ސޯލިހު: އަހުމަދު ސަލީމް (މަޖިލީހުގެ ކުރީގެ ނައިބު ރައީސް) އަދި މުހައްމަދު ރަޝީދު ހުސައިން، (އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު)
- ރައީސް ޔާމީން: މުހައްމަދު މަލީހު ޖަމާލް (ކުރީގެ މިނިސްޓަރު) އަދި އިސްމާއިލް ޒަރިޔަންދު (މާލޭގެ މޭޔަރުކަމަށް އަމިއްލަ ގޮތުން ވާދަކުރެއްވި)
މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިން ރައީސުން އެކުގައި މަސައްކަތް ކުރަން ނިންމެވި ނަމަވެސް، މިއީ ރިޔާސީ އިންތިޚާބަށް އަމާޒުކޮށްގެން ހެދި ކޯލިޝަނެއް ނޫން ކަމަށް ތިން ރައީސުން ވެސް ވިދާޅުވިއެވެ. އަދި މި އިއްތިހާދުގެ މައިގަނޑު ބޭނުމަކީ ގައުމުގެ މިހާރުގެ ހާލަތާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅިގެން، ސަރުކާރުގެ ނުރަނގަޅު ކަންކަން އިސްލާހުކޮށް ގައުމު ހަމަމަގަށް އެޅުވުމަށް ގުޅިގެން މަސައްކަތް ކުރުން ކަމަށް ވެސް އެބޭފުޅުން ވިދާޅުވިއެވެ.
ތިން ރައީސުން ވިދާޅުވި ގޮތުގައި، ގިނަ ދުވަސްތަކެއްގެ މަސައްކަތުން ދިވެހިން ހޯދި ޑިމޮކްރަސީގެ އުސޫލުތައް ނެތިގެންދިޔަ ނުދިނުމަށްޓަކައި، ގައުމު އަލުން ހަމަ މަގަށް އެޅުވުމަށް އެ ބޭފުޅުން ގުޅިގެން މަސައްކަތްކުރައްވާނެއެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނާނެ ބޮޑު ބަދަލެއްގެ ފެށުން ކަމަށް ސިޔާސީ މުހައްލިލުން ދެކެވަޑައިގަންނަވައެވެ.