ސަރުކާރުގެ ދަރަނި ދައްކަން ކަސްޓަމަރުންގެ ޑޮލަރު ދޫކޮށްފައެއް ނުވާނެ: ޝަރީފް

Screenshot 2026-05-17 at 12.41.15

ސަރުކާރުގެ ދަރަނިތައް ދެއްކުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުރި ކަސްޓަމަރުންގެ ޑޮލަރު ބޭނުންކޮށްފައިވާނެ ކަމަށް ދެކެވޭ ވާހަކަތައް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ދޮގުކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސީއީއޯ ވިދާޅުވީ އެއީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ވޭތުވެދިޔަ 40 ދުވަހު ސުކޫކް، ސްވޮޕް އަދި ލޯނުތައް ހިމެނޭހެން 974 މިލިޔަން ޑޮލަރުގެ ދަރަނި ވަނީ ދައްކާ ޚަލާސްކޮށްފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނަމުންދިޔައީ ސަރުކާރުން މި ފައިސާ ދެއްކީ ބީއެމްއެލްގައި ހުރި އާންމު ކަސްޓަމަރުންގެ ޑިޕޮސިޓް ފައިސާއިން ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި ޝަރީފް ވިދާޅުވީ ބޭންކުގައި ހުރި ކަސްޓަމަރުންގެ ފައިސާ ރައްކާތެރިކުރުމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށާއި، ސަރުކާރަށް ލޯނު ދޫކުރުމަށް އެއްވެސް ވަރަކަށް ޑޮލަރު ދޫކޮށްފައި ނުވާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

ބޭންކުގެ ޑިޕޮސިޓްގެ ގާތްގަނޑަކަށް 70% ބޭނުންކުރަނީ ލޯނު ދޫކުރުމަށްކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ބޭންކުގެ ޑޮލަރު އެންމެ ބޮޑަށް އިންވެސްޓްކޮށްފައި ވަނީ ފަތުރުވެރިކަމުގެ ސިނާޢަތަށް ކަމަށެވެ. އަދި ގާތްގަނޑަކަށް 600 މިލިޔަން ޑޮލަރު ޓޫރިޒަމް ދާއިރާއަށް ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އެކަނިވެސް ޓޫރިޒަމް ދާއިރާއަށް އަލަށް 35 މިލިޔަން ޑޮލަރުގެ ލޯނު ދޫކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ