އައްޑޫސިޓީގައި ޤާއިމްކޮށްފައިވާ ނުރައްކާތެރި ކުނި ރިސައިކަލްކޮށް، ރާއްޖޭން ބޭރަށް އެކްސްޕޯޓްކުރާ މަރުކަޒު، މިއަހަރުގެ ތެރޭގައި ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިއީ ތިމާވެއްޓަށާއި އިންސާނުންގެ ސިއްޙަތަށް ނުރައްކާތެރި ކެމިކަލް ކުނި ރައްކާތެރިކަމާއެކު މެނޭޖްކުރުމަށް ހިންގާ 1.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަަރުކަޒު ބިނާކުރުމުގެ މަސައްކަތް 2022 ޖޫން 14 ގައި ޙަވާލުކޮށްފައިވަނީ އައްޑޫގެ ކުންފުންޏެއް ކަމަށްވާ "ނޫރައްދީން އިންވެސްޓްމެންޓް" އާއެވެ.
މި ފެސިލިޓީގެ މައިގަނޑު ބޭނުމަކީ ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ފަދަ ނުރައްކާތެރި ކެމިކަލްތައް، ބޭރުކުރުމުގެ ކުރިން ރައްކާތެރިކަމާއެކު މި ސެންޓަރުގައި ސްޓޯކުރުމެވެ. އަދި މި ފެސިލިޓީ އޮޕަރޭޝަނަށް އައުމުން، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ނައްތާލުމުގެ ކުރިން ބައެއް ތަކެތި އެތަނުގައި ރައްކާކުރާނެއެވެ. އެ ތަކެއްޗަކީ:
- އައްޑޫ ސިޓީގައި ހުރި، ނުރައްކާތެރި ކެމިކަލްއެއް ކަމަށްވާ ޕީ.ސީ.ބީ އެކުލެވޭ 2 އާލާތް.
- ފުވައްމުލައް ސިޓީގައި ހުރި 16 ކަރަންޓު ޓްރާންސްފޯމަރު.
ކެމިކަލް ކުންޏަކީ ސިއްޙަތަށާއި ތިމާވެއްޓަށް ވަރަށް ބޮޑެތި ގެއްލުންތައް ކުރިމަތިވާ އެއްޗެއް. އައްޑޫގައި ޤާއިމްކޮށްފައިވާ އިންޓަރިމް ހެޒިޑެސް ވޭސްޓު ސެންޓަރަކީ، އަޅުގަނޑުމެން ކެމިކަލްގެ ބާވަތްތައް ބޭރަށް ފޮނުވަންޖެހޭ ހާލަތްތަކުގައި އެތަކެތި ސްޓޯކުރުމަށް ހެދި ތަނެއް. އެތަން އޮޕަރޭޝަނަލައިޒް ކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށްދާނެ،
މި މަސައްކަތުގެ އިތުރުން ނުރައްކާތެރި ކުނި ރިސައިކަލްކޮށް، އެކްސްޕޯޓުކުރާ ސެންޓަރެއް ރ. ވަންދޫގައި އެޅުމުގެ މަސައްކަތް "ވީ އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ" ހަވާލުކޮށް، އެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި މި މަސައްކަތުގެ 30 އިންސައްތަ ނިމިފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.