ނޭޝަނަލް ސާވިސްގެ ދެވަނަ ބެޗުގެ 350 ބައިވެރިން ދަސްވެނިވެއްޖެ

Screenshot 2026-05-17 at 13.17.21

ދިވެހި ޒުވާނުން ޤައުމީ ޚިދުމަތަށް ތައްޔާރުކުރުމަށް ހިންގާ "ނޭޝަނަލް ސާވިސް ޕްރޮގްރާމް" ގެ ދެވަނަ ބެޗުގެ 350 ބައިވެރިން މިއަދު ތަމްރީނުތައް ނިންމައި ފަޚުރުވެރިކަމާއެކު ދަސްވެނިވެއްޖެއެވެ.

ޅ. މާފިލާފުށީގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދެވެ. މި ރަސްމިއްޔާތުގައި ދަރިވަރުންނަށް އަޒުމް ލައިދިނުމުގެ އިތުރުން، ޝަރަފުގެ ހިނގާލުމެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ދެވަނަ ނޭޝަނަލް ސާވިސް ޓްރެއިނިން ކޯހުގައި 112 ރަށަކުން 350 ދަރިވަރުން މިއަދު ތަމްރީނު ފުރިހަމަ ކުރިއެވެ. އެއީ 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުންނެވެ.

ޒުވާނުންގެ މެދުގައި މި ޕްރޮގްރާމަށް އޮތް ބޮޑު ތަރުހީބަށް ބަލައި، ކޮންމެ ބެޗެއްގައި 350 ބައިވެރިން ހިމެނޭ ގޮތަށް މިއަހަރު އިތުރު ދެ ބެޗުކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

ނޭޝަނަލް ސާވިސް ޕްރޮގްރާމަކީ 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށް ޚާއްޞަކޮށްގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު ތައާރަފުކުރެއްވި ބޮޑު މަޝްރޫޢެކެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު މި ޕްރޮގްރާމުގެ ފުރަތަމަ ފުރުސަތު ހުޅުވާލުމުން 1,244 ޒުވާނުން ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން 346 ބައިވެރިން ވަނީ ފުރަތަމަ ބެޗުން ދަސްވެނިވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ