ފަސްވަނަ ސިވިލް ސާވިސް ކޮންފަރެންސް ޖޫން މަހު ބޭއްވުމަށް ތައްޔާރުވެއްޖެ

Screenshot 2026-05-17 at 13.36.28

ސިވިލް ސާވިސްގެ ނިޒާމުތައް މުރާޖައާކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ބާއްވާ "ސިވިލް ސާވިސް ކޮންފަރެންސް" އަންނަ ޖޫން މަހުގެ 13 އިން 15 އަށް ބޭއްވުމަށް ސިވިލް ސާވިސް ކޮމިޝަނުން (ސީއެސްސީ) ނިންމައިފިއެވެ.

މިއީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މި ކޮންފަރެންސްގެ 5 ވަނަ ބައްދަލުވުމެވެ. މީގެ ކުރިން މި ކޮންފަރެންސް ބާއްވާފައި ވަނީ 2014، 2016، 2018 އަދި 2024 ގައެވެ.

މި ކޮންފަރެންސްގެ މިއަހަރުގެ ޝިޢާރަކީ "ކުރިމަގަށް ތައްޔާރުވެފައިވާ، އިޖާބަދޭ ހިންގުންތެރިކަން - ރައްޔިތުން ބާރުވެރިކުރުވައި، ހަލުވިކަމާއެކު ޚިދުމަތްތައް ހަރުދަނާކުރުން" އެވެ.

މި ޝިޢާރުގެ ދަށުން ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ:

  • ވެރިކަން ހިންގުމުގެ ނިޒާމު ހަރުދަނާކުރުމާއި ޚިދުމަތުގެ ފެންވަރު މަތިކުރުން.
  • ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުން އިތުރުކުރުން.

  • މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ލީޑާޝިޕްގެ ގޮންޖެހުންތަކުން އަރައިގަތުން.

މި ކޮންފަރެންސްގައި ސިވިލް ސަރވިސްގެ ކުރިމަގާ ގުޅޭ 15 ދިރާސާ ކަރުދާހެއް ހުށަހަޅާނެއެވެ. ހަމައެއާއެކު ޤައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ 6 ކީ-ނޯޓް ސްޕީކަރުން ބައިވެރިވާނެއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނިގޮތުގައި، ކޮންފަރެންސްގެ ފަހު ދުވަސް ހާއްސަކޮށްފައިވަނީ ދިރާސާ ކަރުދާސްތަކުން ފާހަގަވާ ކަންކަމަށް ބަލައި، ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ކަނޑައެޅުމަށެވެ. މީގެ ކުރިން ބޭއްވި ކޮންފަރެންސްތަކުން ލިބުނު ޚިޔާލުތަކަށް ބަލައި ނިޒާމަށް ގިނަ އިސްލާހުތަކެއް ގެނެވިފައިވާއިރު، މިއަހަރުގެ ވެސް އަމާޒަކީ އައު އީޖާދުތަކާއެކު ކުރިމަގުގެ ގޮންޖެހުންތަކަށް ތައްޔާރުވެފައިވާ އިދާރާއަކަށް ސިވިލް ސަރވިސް ހެދުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ