ވަތަނީ ހިދުމަތުގެ ދެވަނަ ބެޗުގެ ދަސްވެނިންނަށް ރައީސްގެ މަރުހަބާ

HIhUk_2bYAAy6f9

ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ ދެވަނަ ބުރުގައި ހިމެނޭ 343 ދަސްވެނިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މަރުހަބާ ވިދާޅުވެއްޖެއެވެ. މި ޕްރޮގްރާމަކީ ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، އަދި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމަށް ރައީސް އިސްނަންގަވައިގެން ރާއްޖޭގައި އަލަށް ފެއްޓެވި މުހިންމު މަސައްކަތެކެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ފަހަރުގެ ބެޗުގައި ރާއްޖޭގެ 112 ރަށަކުން ބައިވެރިން ހިމެނޭ ކަމަށެވެ. ދަސްވެނިވި ބައިވެރިންގެ ތަފްސީލަށް ބަލާއިރު، މީގެ ތެރޭގައި ހިމެނެނީ 280 ފިރިހެނުންނާއި 63 އަންހެނުންނެވެ. މީގެ ތެރެއިން 113 ބައިވެރިންނަކީ 18 އަހަރުން ދަށުގެ ކުދިން ކަމަށްވާއިރު، ބާކީ 230 ބައިވެރިންނަކީ 18 އަހަރުން މަތީގެ ޒުވާނުންނެވެ.

ޅ. މާފިލާފުށީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމަށް ޒުވާނުންނާއި ބެލެނިވެރިންގެ ފަރާތުން ލިބޭ ތަރުހީބު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އަހަރު މި ތަމްރީނަށް 1200 އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލިއިރު، މި އަހަރު އެ އަދަދު ވަނީ 1700 އަށްވުރެ މައްޗަށް އަރާފައެވެ. މިއީ ދަރިން ތަރުބިއްޔަތުކުރުމަށް ބެލެނިވެރިން ދޭ އަހަންމިއްޔަތުކަން ހާމަވާ ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ތަމްރީނު ޕްރޮގްރާމުގެ ތެރޭގައި ދިވެހި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތަކަށް ވުމާއި، ދީނީ ތައުލީމާއި، ލީޑަޝިޕްގެ އިތުރުން ބަހުގެ ޕްރޮފިޝަންސީ އުނގަންނައިދެއެވެ. މީގެ އިތުރުން ކަސްރަތާއި ހަށިހެޔޮކަމާއި، ހެވިކަމުގެ ތަމްރީނުތަކުގެ އިތުރުން ފަސްޓް އެއިޑާއި، އަލިފާން ނިއްވުމާއި، އަމިއްލަ ނަފްސު ދިފާއުކުރުން ފަދަ މުހިންމު ހުނަރުތައް ވެސް ދަރިވަރުންނަށް ވަނީ ދަސްކޮށްދީފައެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 340 ބައިވެރިން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. މި ޕްރޮގްރާމުގެ މަގްސަދަކީ މަސައްކަތަށް އަހުލުވެރި، އަހްލާގު ރަނގަޅު، ހަރުދަނާ ޒުވާން ޖީލެއް ގައުމަށް ބިނާކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ