އަތޮޅު ކައުންސިލްތައް އުވުމާ އެކު ކޮންމެ އަތޮޅެއްގައި އެލްޖީއޭގެ އޮފީހެއް ގާއިމްކުރަނީ

އެލްޖީއޭގެ ރައީސް އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު.  ފޮޓޯ: އެލްޖީއޭ
އެލްޖީއޭގެ ރައީސް އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު. ފޮޓޯ: އެލްޖީއޭ

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ އެކު އަތޮޅު ކައުންސިލްތައް އުވިގެން ދިއުމުން، ކޮންމެ އަތޮޅެއްގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އިދާރާއެއް ގާއިމްކުރަން ސަރުކާރުން ނިންމައިފިއެވެ. މި ބަދަލާ ގުޅިގެން އެ އިދާރާތަކަށް ކިޔާނެ ނަމާއި، އެ ތަންތަނުގެ މުވައްޒަފުންގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ވަނީ އެލްޖީއޭއަށް ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އާއިޝަތު އިކުރާމް ސޮއިކުރައްވައި ފޮނުއްވި ސިޓީގައިވާ ގޮތުން، މި އޮފީސްތަކަކީ ސަރުކާރުގެ ވަކި އިދާރާތަކެއްގެ ގޮތުގައި ގާއިމްކުރާ ތަންތަނަށް ނުވާތީ، އެ ތަންތަނަށް ވަކި ހާއްސަ ނަމެއް ދިނުމުގެ ބަދަލުގައި ބޭނުންކުރާނީ "ލޯކަލް ގަވަމަންޓް އޮތޯރިޓީ - (އަތޮޅުގެ ނަން) އޮފީސް" މި ނަމެވެ. މިސާލެއްގެ ގޮތުން "ލޯކަލް ގަވަމަންޓް އޮތޯރިޓީ - ބ. އަތޮޅު އޮފީސް" ފަދަ ގޮތަކަށް ނަންތައް ބޭނުންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ލަފާދެއްވާފައެވެ.

އަތޮޅު ކައުންސިލްތައް އުވިގެންދާއިރު، އެ ތަންތަނުގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް ކަންކަން އިންތިޒާމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ. އަދި އެ މުވައްޒަފުންނަށް މިހާރު ލިބެމުންދާ މުސާރައާއި އިނާޔަތްތަކަށް އެއްވެސް އުނިކަމެއް ނާންނާނެހެން، ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން ވަޒީފާގެ ކަންކަން ލާމަރުކަޒީ ގާނޫނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްވެސް އެލްޖީއޭއަށް ވަނީ އިރުޝާދު ދެއްވާފައެވެ. މިކަމާ ގުޅޭ ސިޓީއެއް ސޯޝަލް މީޑިއާގައިވެސް މިހާރު ވަނީ އާންމުވެފައެވެ.

ލާމަރުކަޒީ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހާ އެކު، ކުރިން ތިއްބެވި އަތޮޅު ކައުންސިލަރުންގެ ދައުރު މިއަދަށް ވަނީ ހަމަވެފައެވެ. މި ބަދަލާ އެކު އަތޮޅު ކައުންސިލްތައް އުވިގެންދާއިރު، ރަށްރަށާއި ސިޓީތަކުގެ ކައުންސިލަރުންގެ އަދަދުވެސް ވަނީ ކުރިއަށްވުރެ މަދުކޮށްފައެވެ. ކައުންސިލްތަކަށް އަލަށް އިންތިހާބުވި ކައުންސިލަރުން މިއަދު ވަނީ މަގާމުގެ ހުވާ ކުރައްވައި، ރަސްމީކޮށް މަސައްކަތާ ހަވާލުވެވަޑައިގެންފައެވެ.

އެލްޖީއޭގެ އަތޮޅު އޮފީސްތައް ގާއިމްކުރުމަކީ ލާމަރުކަޒީ ނިޒާމުގެ ދަށުން އިދާރީ ދާއިރާތަކުގައި އެ އޮތޯރިޓީގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި އޮފީސްތައް މެދުވެރިކޮށް އަތޮޅުތަކުގެ އިދާރީ ހިންގުމާއި ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމަށް މަގުފަހިވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ