މަސްވެރިކަމާއި ގުޅޭ

ގަބުޅިފައްޓާ ރޮނޑު- ފޮޓޯ: މޮނާކޯ ނޭޗަރ

ގަބުޅިފައްޓާ ރޮނޑު

މިއީ ރާއްޖޭގެ ތިލަފަޅުތަކުގައްޔާއި ފަރުތަކުގައި ގިނައިން އުޅޭ ގަބުޅިރޮނޑާއި ވަރަށް ގުޅުންހުރި ރޮނޑެކެވެ.

މިއީ ފަރުބޭރުން ދުވާލުކުރާ މަސްވެރިކަމުގައި ބޭނޭ ރޮނޑެކެވެ. މިއީ އާންމުކޮށް ކެއުމަށް ބޭނުންކޮށްއުޅޭ މަހެއްނޫނެވެ. ނަމަވެސް މިއީ ދިރޭ ކުދިމަހުގެ ގޮތުގައި ރާއްޖެއިން ބޭރުކުރެވޭ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 25 ސެންޓިމީޓަރަށެވެ. މަހުގެ ކާނާއަކީ ކަކުނިފާޑުގެ ސޫތްޕާއި، ފެއްސާއި މަހެވެ.

މަހުގެ ބުރިކަށީމަތީ ކޮތަރިބައިގައި 3 ހަރުކައްޓާއިއެކު 23 ނުވަތަ 24 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 20 ނުވަތަ 21 މަޑުކަށިހުރެއެވެ. ލޮލުގެ ކުރީގައި އެއްވެސްކަހަލަ އަޑިވުމެއް ނުހުރެއެވެ. މަހުގެ ނިގޫކޮޅުގައި އާންމުގޮތެއްގައި ހުންނަނީ ކަށިހުޅުނބުގެ 4 ނުވަތަ 5 ރޮނގެވެ. މަހުގައި ހުންނަނީ މުށިކުލައެވެ. މިކުލަ ބަނޑުދަށްފަރާތުގައި ހުންނަނީ ތަންކޮޅެއް ފަނޑުކޮށެވެ. މަހުގެ ދެފަރާތުގައި ކަތިކޮށްހުންނަ ކަޅުކުލައިގެ ފައްޓާއެއް ޒާތަކަށް ހުންނަ ކުރެހުމެއް ހުރެއެވެ. މަހުގެ ނިގޫކޮޅުގައި ކަޅުކުލައިގެ ތިނެސްކަން ކުރެހުމެއް ހުރެއެވެ. މަހުގެ ކަންފަތުގެ ބުޑުދަށް ހުންނަނީ އޮރެންޖު ކުލައިގައެވެ.

މިމަހަށް ކިޔާ ވަކި ޚާއްސަ ނަމެއް އަޅުގަނޑުމެންނަށް ރެކޯޑުކުރެވިފައި ނެތުމާއެކު މިއީ ގަބުޅި ރޮނޑާއި ވަރަށް ގުޅުންހުރި މަހަކަށްވުމާއެކު މަހުގައި އެކުލެވޭ ޚާއްސަ ސިފަތަކަށް ވިސްނާ "ގަބުޅިފައްޓާ ރޮނޑު" ކިޔާފައިވަނީއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސި ނަން: Reef triggerfish
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!