އެބޯލާ ފެތުރޭ ސަރަހައްދުތަކަށް ދަތުރުނުކުރަން އެޗްޕީއޭއިން އިލްތިމާސްކޮށްފި

Screenshot 2026-05-18 at 10.55.41

ކޮންގޯ އާއި ޔޫގެންޑާގައި ފެތުރެމުންދާ އެބޯލާ (ބަންޑިބުގްޔޯ ވައިރަސް) ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ސަމާލުކަން ދޭންޖެހޭ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރުމާއެކު، އެ ބަލި ފެތުރޭ ސަރަހައްދުތަކަށް ދަތުރުނުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ ރާއްޖޭގެ ސިއްހީ އިދާރާތަކުން މި ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އާންމުންނަށް ބޭނުންވާ މައުލޫމާތު ދުވަހުން ދުވަހަށް ހިއްސާކުރަމުންދާނެ ކަމަށެވެ.

މިހާރު ފެތުރެމުންދާ ބަންޑިބުގްޔޯ ބާވަތަށް އަދި ވެކްސިނެއް އުފެއްދިފައި ނެތުމާއެކު، އެންމެ މުހިންމީ އަމިއްލަ ސިއްހަތަށް ރައްކާތެރިވުމެވެ. ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ:

  • ބަލި ފެތުރޭ ސަރަހައްދުތަކަށް ދަތުރުކުރުން މަޑުޖައްސާލުން.

  • ބަލިޖެހިފައިވާ ނުވަތަ ބަލީގެ އަލާމާތްތައް ހުރި މީހުންނާ ގާތްނުވުން.

  • އާންމު ސިއްހީ ސާފުތާހިރުކަމުގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުން.

ބަލީގެ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު އަލާމާތްތައް ފެނުމަށް 2 ދުވަހާއި 21 ދުވަހާ ދެމެދުގެ މުއްދަތެއް ނަގައެވެ. ކުއްލިއަކަށް ހުން އައުން، ބޮލުގައި ރިއްސުން، އަދި ވަރުބަލިވުން ފަދަ އަލާމާތްތައް މި ބަލީގެ ކުރީކޮޅު ފެންނާނެއެވެ. އަދި ބަލި ބޮޑުވުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ހޮޑުލުމާއި ބޭރަށް ހިންގުން، އަދި އެތެރެހަށިން ނުވަތަ ބޭރުން ލޭފޭބުމުގެ މައްސަލަތައް ކުރިމަތިވުން ހިމެނެއެވެ.

ޑަބްލިއުއެޗްއޯގެ ބަޔާންތަކަށް ބަލާއިރު، ކޮންގޯގެ އިޓޫރީ ޕްރޮވިންސްގެ ތިން ސަރަހައްދަކުން ބަލިޖެހިގެން 80 މީހުން ވަނީ މަރުވެފައެވެ. އަދި ޝައްކުކުރެވޭ 246 މީހަކު ފެނިފައިވެއެވެ. ބަލި ފެތުރުމުގެ ނުރައްކާ އެންމެ ބޮޑީ ކޮންގޯއާ ބޯޑަރު ހިއްސާކުރާ އަވަށްޓެރި ގައުމުތަކަށް ކަމަށް ވާތީ، ބައިނަލްއަގުވާމީ ފެންވަރުގައި ދަނީ ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ