ކުރިއަރަމުން އަންނަ އައު ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރަންވާނީ ގައުމީ މަސްލަހަތު ކުރިއަރުވައި، ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ފުޅާކުރެވޭނެ ގޮތަކަށް ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ގައުމީ އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރު ހުޅުވުމަށް ބޭއްވި "ކޮލެބް 26" ސަމިޓު އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު އިހުސާން ފާހަގަކުރެއްވި ގޮތުގައި، އަލަށް ގާއިމުކުރެވުނު މި ސެންޓަރަކީ ހަމައެކަނި އައު މުއައްސަސާއެއް އުފެއްދުމަށްވުރެ ބޮޑަށް، ވެރިކަން ހިންގުމާއި އިގުތިސާދީ ބަދަލުތަކުގެ އައު ޒަމާނަކަށް ބޭނުންވާ ގާބިލުކަން ބިނާކުރުމަށް ރާއްޖެއިން ނިންމި މުހިއްމު ނިންމުމެއް ރަމްޒުކޮށްދޭ ތަނެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ "މޯލްޑިވްސް 2.0" ސިޔާސަތަކީ ޑިޖިޓަލް ހިދުމަތްތަކުން ގުޅައިލެވިފައިވާ، ރައްކާތެރި އަދި އިތުބާރު ހިފޭ ޒަމާނީ ހިދުމަތްތަކެއް ގައުމީ ފެންވަރުގައި ފޯރުކޮށްދިނުމަށް އަމާޒުކުރެވިފައިވާ މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެ ހޯދާ ކުރިއެރުންތަކަކީ ހަމައެކަނި ފަންނީ ކަމެއް ނޫން ކަމަށާއި، އެއީ ރާއްޖޭގެ ވެރިކަން ހިންގާ ގޮތާއި، ބޭރުގެ ލޮޅުންތަކަށް ގައުމު ތައްޔާރުވެފައިވާ މިންވަރާއި، ދިގުރާސްތާގައި ރާއްޖޭގެ ސިޔާދަތު ހިމާޔަތްކުރުމާ ގުޅިފައިވާ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ދުނިޔޭގެ އިގުތިސާދު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ބިނާވަމުންދާއިރު، ރާއްޖެއިން އެ މަންޒަރު ބަލަން ތިބެވެން ނެތް ކަމަށާއި، އައު ޓެކްނޮލޮޖީތައް މެނޭޖުކޮށް، ގައުމީ މަސްލަހަތު ހިމާޔަތްކުރެވޭނެ ގޮތަށް އެ ވަސީލަތްތައް ބޭނުންކުރަންޖެހޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މި މިސްރާބަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކޮންމެ ދިވެހިރައްޔިތަކަށް ރައްކާތެރި ޑިޖިޓަލް އައިޑީއެއް ފޯރުކޮށްދީ، އޮންލައިންކޮށް ހިދުމަތްތައް ހޯދުމަށް މަގުފަހިކޮށްދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ޑޭޓާ ހިއްސާކުރުމާއި މެނޭޖުކުރުމުގައި ދައުލަތުން އަމަލުކުރަންޖެހޭ އޮނިގަނޑުތަކާއި، ސައިބަރ ރައްކާތެރިކަމާ ގުޅޭ ޒަމާނީ ގާނޫނީ އޮނިގަނޑުތައް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން ވަޒީރު ހާމަކުރެއްވިއެވެ.
އާއްމު ހިދުމަތްތަކުގައި އޭއައި ބޭނުންކުރުމުގެ މަގުސަދަކީ އިންސާނުންގެ ފިކުރު ހިދުމަތުން ބޭރުކޮށް ޖަވާބުދާރީނުވުމަށް މަގުފަހިކުރުން ނޫން ކަމަށާއި، އޭގެ ބަދަލުގައި އޭގެ ބޭނުމަކީ ހިދުމަތްތައް ހަލުއިކޮށް، މިހާރު ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި، ސަރުކާރުގެ އަމާޒަކީ ޑޭޓާގެ ބޭނުން ހިފައިގެން، މިހާރަށްވުރެ ތޫނުފިލި އަދި އިތުބާރު ހިފޭ ދައުލަތެއް ބިނާކުރުން ކަމަށް ވިދާޅުވެ ވަޒީރުގެ ވާހަކަފުޅު ނިންމަވައިލެއްވިއެވެ.