އިންޑިއާގެ ކޯޓަކުން 700 އަހަރުވީ މިސްކިތެއް ފައްޅިއަކަށް ބަދަލުކޮށް، ނަމާދުކުރުން މަނާކޮށްފި

މަދްޔަ ޕްރަދޭޝްގެ ހައިކޯޓުގެ ނިންމުމަށްފަހު ހިންދޫން ބޯޖްޝާލާ ކޮމްޕްލެކްސްގައި އަޅުކަންކުރަނީ. ފޮޓޯ: އަލްޖަޒީރާ
މަދްޔަ ޕްރަދޭޝްގެ ހައިކޯޓުގެ ނިންމުމަށްފަހު ހިންދޫން ބޯޖްޝާލާ ކޮމްޕްލެކްސްގައި އަޅުކަންކުރަނީ. ފޮޓޯ: އަލްޖަޒީރާ

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ހައިކޯޓުން، ދާރުގައި ހުންނަ ތާރީޚީ ކަމާލް މައުލާ މިސްކިތަކީ ހިންދޫންގެ ފައްޅިއެއް ކަމަށް ކަނޑައަޅައި، އެތަނުގައި ހިންދޫންނަށް އަޅުކަންކުރުމުގެ ފުރިހަމަ ހުއްދަ ދީފިއެވެ. މި ނިންމުމާއެކު، 13 ވަނަ ގަރުނާއި 14 ވަނަ ގަރުނާ ދެމެދު ބިނާކޮށްފައިވާ މި ތާރީޚީ މިސްކިތުގައި މުސްލިމުން ނަމާދުކުރުން ވަނީ މަނާކޮށްފައެވެ.

މި މައްސަލައިގައި ކޯޓުން ނިންމާފައިވަނީ ބޯޖްޝާލާ ކޮމްޕްލެކްސްގައި ހުރި މި މިސްކިތަކީ ހިންދޫންގެ 'ވަގްދޭވީ' ކިޔާ ބުދަކަށް ހާއްސަ ފައްޅިއެއް ކަމަށެވެ. މި ނިންމުން އައުމާއެކު، ހިންދޫންގެ ހަރުކަށި ޖަމާއަތްތަކުން ވަނީ އެ ސަރަޙައްދަށް އެއްވެ، ދީނީ ދިދަތައް ހަރުކޮށް އުފާފާޅުކުރަން ފަށާފައެވެ. އަދި އެތަނުގައި ބުދުގެ ފޮޓޯގަނޑެއް ބަހައްޓައި، އެޔަށް އަޅުކަންކުރަން ވަނީ ފަށާފައެވެ.

މި ނިންމުމުގެ ސަބަބުން އެ ސަރަޙައްދުގެ މުސްލިމުންނަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. މިސްކިތުގެ މުއައްޛިނެއްގެ ގޮތުގައި 50 އަހަރު ވަންދެން ޚިދުމަތްކުރި، އުމުރުން 78 އަހަރުގެ މުޙައްމަދު ރަފީޤު ބުނިގޮތުގައި، މިއީ އޭނާގެ ހަޔާތުގައި ދެކޭނެ ކަމަށް އުންމީދުކުރި ދުވަހެއް ނޫނެވެ. އޭނާގެ ކާފަވެސް އިންޑިއާ މިނިވަންވުމުގެ ކުރިން އެ މިސްކިތުގައި އިމާމުވެ ނަމާދުކުރި ކަމަށް އޭނާ ކިޔައިދިނެވެ.

2003 ވަނަ އަހަރު އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާ (އޭއެސްއައި) އާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން، ކޮންމެ އަންގާރަ ދުވަހަކު ހިންދޫންނަށް އެތަނަށް ވަދެވޭއިރު، ހުކުރު ދުވަހު މުސްލިމުންނަށް ނަމާދުކުރުމުގެ ފުރުޞަތު އޮވެއެވެ. ނަމަވެސް ހައިކޯޓުގެ މި ނިންމުމާއެކު އެ އިންތިޒާމު ވަނީ މުޅިން އުވާލާފައެވެ. ކޯޓުން ވަނީ މުސްލިމުންނަށް މިސްކިތެއް ބިނާކުރުމަށް އެހެން ބިމެއް ހޯދުމަށް އަންގާފައެވެ.

މި މައްސަލައިގައި މުސްލިމުންގެ ފަރާތުން ވަކާލާތުކުރާ ވަކީލުން ބުނަނީ، މިއީ 1991 ވަނަ އަހަރުގެ 'ޕްލޭސަސް އޮފް ވޯޝިޕް އެކްޓް' އާ ސީދާ ޚިލާފު ނިންމުމެއް ކަމަށެވެ. އެ ގާނޫނަކީ އިންޑިއާ މިނިވަންވިއިރު އަޅުކަންކުރާ ތަންތަން ހުރި ގޮތް ދެމެހެއްޓުމަށް ހެދި ގާނޫނެކެވެ. ނަމަވެސް ކޯޓުން ވަނީ 1935 ވަނަ އަހަރުގެ އިނގިރޭސި ދައުރުގެ ލިޔެކިޔުންތަކަށް ރިއާޔަތްކުރުމަށް އިންކާރުކޮށްފައެވެ. އެ ލިޔެކިޔުންތަކުގައި ބުނެފައިވަނީ އެއީ މިސްކިތެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެއީ މިސްކިތެއްގެ ގޮތުގައި އޮންނަންޖެހޭނެ ކަމަށެވެ.

އިންޑިއާގެ މަޝްހޫރު ސިޔާސީ ލީޑަރު އަދި ޕާލަމެންޓް މެންބަރު އަސަދުއްދީން އޮވައިސީ ވިދާޅުވީ، މިއީ އިންޑިއާގެ މުސްލިމުންގެ މުގައްދަސް ތަންތަނަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، 2019 ވަނަ އަހަރު ބާބަރީ މިސްކިތުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމަށްފަހު، މިފަދަ އެތައް މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މީގެ ތެރޭގައި ވާރަނަސީގެ ޖިއާންވާޕީ މިސްކިތާއި މަޘޫރާގެ ޝާހީ އީދުގާ މިސްކިތް ހިމެނެއެވެ.

ތާރީޚު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި، އިންޑިއާގައި މިހާރު ފެންނަމުންދާ މި އޮއިވަރަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުގެ ދަށުން ހިންދޫ ނޭޝަނަލިޒަމް ނުވަތަ 'ހިންދޫތުވާ' ފިކުރު ވަރުގަދަވުމުގެ ނަތީޖާއެވެ. މި ފިކުރުގެ ދަށުން، އިސްލާމީ ދައުރުގެ ތާރީޚީ ބިނާތަކުގެ ދަށުގައި ހިންދޫންގެ ފައްޅިތައް ހުރި ކަމަށް ބުނެ ދަނީ ދައުވާތައް ކުރަމުންނެވެ. އެގޮތުން ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައި ހިމެނޭ ތާޖް މަހަލްގެ ދަށުގައިވެސް ފައްޅިއެއް ހުރި ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިހާރު ދާރުގެ މިސްކިތުގައި ހިންދޫންގެ އަޅުކަންތައް ފަށާފައިވާއިރު، މުސްލިމުންގެ ޖަމާއަތްތަކުން ވަނީ މި މައްސަލަ އިންޑިއާގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައެވެ. މިއީ ހަމައެކަނި އެއް މިސްކިތުގެ މައްސަލައެއް ނޫން ކަމަށާއި، މިއީ އިންޑިއާގެ ދީނީ މިނިވަންކަމަށް އޮތް ގޮންޖެހުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ