މާފިލާފުށިން މާލެއަށް ދަތުރުކުރި ލޯންޗެއް ފަޅައިގެންގޮސް ކަނޑުވި ހުރިހާ ދަރިވަރުން ސަލާމަތްކޮށްފި

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގެ ތެރެއިން.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގެ ތެރެއިން.

ޅ. މާފިލާފުށިން މާލެއަށް ދަތުރުކުރި ލޯންޗެއް ހުޅުމާލެއާ ހިސާބުން ފަޅައިގެންގޮސް، އޭގައި ތިބި ހުރިހާ ދަރިވަރުން ސަލާމަތްކޮށް މިރޭ މާލެ ގެނެސްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ވަތަނީ ހިދުމަތުގެ އިނީޝަލް ޓްރެއިނިން ކޯސް-2 ފުރިހަމަކުރި ދަރިވަރުންތަކެއް ގޮވައިގެން ދަތުރުކުރި ލޯންޗަކަށެވެ.

އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، މި ލޯންޗު ފަޅައިގެންގޮސް ދިޔަވެ އަޑިއަށްދާން ފެށުމުން އޭގައި ތިބި ކުދިން ވަނީ ކަނޑަށް ބާލާފައެވެ. މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ލައިފްޖެކެޓް އަޅައިގެން ތިބި މި ދަރިވަރުން ކަނޑުމަތީގައި ތިއްބާ އެހެން ލޯންޗުތަކަށް ވަނީ ނަގާފައެވެ. މި ހާދިސާ ހިނގިއިރު އެ ލޯންޗުގައި ގާތްގަނޑަކަށް 60 ދަރިވަރުން ތިބި ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު އިރުއޮއްސި 18:04 ހާއިރެވެ. ލޯންޗު ފަޅައިގެން ދިޔަ ސީދާ ސަބަބެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް، އެމްއެންޑީއެފުން ވަނީ ހުރިހާ ކުދިންވެސް ރައްކާތެރިކަމާއެކު މާލެ ގެނެވިފައިވާކަން ކަށަވަރުކޮށްދީފައެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ ދެވަނަ ބުރުގައި ޖުމްލަ 343 ބައިވެރިން ވަނީ ދަސްވެނިވެފައެވެ. މީގެ ތެރޭގައި 280 ފިރިހެން ދަރިވަރުންނާއި 63 އަންހެން ދަރިވަރުން ހިމެނެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން، ޒިންމާދާރު، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، ގައުމިއްޔަތަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށް ފަށާފައިވާ މުހިންމު މަޝްރޫއެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ