ރާއްޖޭގެ ސިއްހީ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ޒަމާނީ ވަސީލަތްތަކާއެކު ފަރުވާ ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ލޭޒާ ބޭނުންކޮށްގެން ކުރާ ޖެނެރަލް ސާޖަރީގެ އޮޕަރޭޝަންތައް މިއަދު ފަށައިފިއެވެ.
ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ ޖެނެރަލްސާޖަރީގެ ބައެއް އޮޕެރޭޝަންތައް ކުރުން މި ހޮސްޕިޓަލުންނާއި އަދި ދަރުމަވަންތަ ހޮސްޕިޓަލުން ރަސްމީކޮށް ފަށައިފި.
މީގެ ސަބަބުން ހޮސްޕިޓަލުގައި ބާއްވަންޖެހޭމުއްދަތު ކުރުވުމާއި އަވަހަށް ފަސޭހަވުމާއި ތަދު ކުޑަވުމަކީ ބަލިމީހާ އަށް ލިބޭނެ… pic.twitter.com/kPUtE5MwCy— IGMH (@igmhmv) May 18, 2026
އައިޖީއެމްއެޗުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2023 އާއި 2024 އަދި މިދިޔަ އަހަރުގެ ތެރޭގައި ޑޮކްޓަރުންގެ އޯޕީޑީތަކަށް ދެއްކި ގިނަ އަދަދެއްގެ ބަލިމީހުންނަކީ ލޭޒާ ސާޖަރީގެ އެހީގައި ފަރުވާ ހޯދަންޖެހޭ ބަލިތަކުގެ މީހުންނެވެ. މީގެ ކުރިން މިފަދަ ބަލިތަކަށް ކުރަމުން އައި އޮޕަރޭޝަންތަކަކީ ބަލިމީހާ ގިނަ ދުވަހު ހޮސްޕިޓަލުގައި ބާއްވަންޖެހޭ، އަދި ރަނގަޅުވުމަށް ގިނަ ދުވަސްތަކެއް ނަގާ ވޭން ބޮޑު ފަރުވާތަކެކެވެ. ނަމަވެސް އަލަށް ފެށި ލޭޒާ ސާޖަރީގެ ސަބަބުން މިކަންކަމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ލޭޒާ ބޭނުންކޮށްގެން ކުރާނެ އޮޕަރޭޝަންތައް
އައިޖީއެމްއެޗްގެ ޖެނެރަލް ސާޖަރީ ޓީމުން މިއަދުން ފެށިގެން ހަތަރު ބާވަތެއްގެ އޮޕަރޭޝަނެއްގައި ލޭޒާ ޓެކްނޮލޮޖީ ބޭނުންކުރާނެއެވެ. އެއީ:
- ފައިގެ ލޭނާރުތައް ދުޅަވެ ގޮށްޖެހުމަށް ކުރާ އީވީއެލް (EVLT) އޮޕަރޭޝަން
- ފުރަގަސްފަރާތު ބަލި ނުވަތަ ޕައިލްސްއަށް ކުރާ ލޭޒާ ހެމޮރޮއިޑޯޕްލާސްޓީ
- އެނަލް ފިސްޓުލާއަށް ކުރާ ފިލަކް (FiLaC) އޮޕަރޭޝަން
- ޕައިލޯނީޑަލް ސައިނަސްއަށް ކުރާ ސިލަކް (SiLaC) އޮޕަރޭޝަން
ލޭޒާ ސާޖަރީގެ ސަބަބުން ބަލިމީހުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ބޮޑުތަނެއް ކަފާލުމަކާ ނުލައި އޮޕަރޭޝަން ކުރެވުމާއި، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ބާއްވަންޖެހޭ މުއްދަތު ކުޑަވުން ހިމެނެއެވެ. މީގެ އިތުރުން، އޮޕަރޭޝަނަށްފަހު ވާ ތަދު ކުޑަވުމާއި، އަވަހަށް ބަލި ފަސޭހަވެ އާންމު ދިރިއުޅުމަށް އެނބުރި ދިއުމަށް މަގުފަހިވެގެންދާނެއެވެ. އަދި އިންފެކްޝަންވުމުގެ ފުރުސަތުވެސް މި ފަރުވާއާއެކު ކުޑަވެގެންދާނެއެވެ.
މި ހިދުމަތް ފެށުމަށްޓަކައި ބޭނުންވާ ސާމާނު ހޯދުމުގެ އިތުރުން، އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުން ވަނީ އިންޑިއާގެ ހޮސްޕިޓަލްތަކުގައި ހާއްސަ ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ. ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފަރުވާގެ ނިޒާމު ހަރުދަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެއްކަމަށް އައިޖީއެމްއެޗުން ފާހަގަކުރެއެވެ.