އދ. މަހިބަދޫ ކައުންސިލްގެ ނައިބު ރައީސަކު ހޮވުމަށްޓަކައި އާ ކައުންސިލަރުންގެ މެދުގައި އަށްވަނަ ފަހަރަށް ބޭއްވި ވޯޓުގައި، އެ ކައުންސިލްގެ ނައިބު ރައީސްކަމަށް އެމްޑީޕީގެ މެންބަރު ޒައީމާ މުހައްމަދު ރޭ އިންތިޚާބުކޮށްފިއެވެ.
ރޭ 9:00 ގައި ބޭއްވި މި ޖަލްސާގައި ޒައީމާ ނައިބު ރައީސްކަމަށް ހޮވުނީ 3 ވޯޓުންނެވެ.
އޭނާއާ ވާދަކުރެއްވި ޕީއެންސީގެ މެންބަރު މުހައްމަދު މައުމޫނަށް ލިބުނީ 2 ވޯޓެވެ.
އާ ކައުންސިލަރުން މިދިޔަ އާދިއްތަ ދުވަހު ހުވާކުރެއްވި ނަމަވެސް، ނައިބު ރައީސަކު ނުހޮވި ދިގުލައިގެން ދިއުމުގެ ސަބަބުން ކައުންސިލްގެ ރަސްމީ އެއްވެސް މަސައްކަތެއް ފެށޭ ގޮތް އޮތީ ނުވެފައެވެ. ޤާނޫނު ބުނާގޮތުން ހުވާކުރުމަށްފަހު ބާއްވާ ފުރަތަމަ ޖަލްސާގައި ނައިބަކު ކަނޑައަޅަންޖެހޭތީ، ރަށުގެ ޚިދުމަތްތައް އޮތީ ހުއްޓިފައެވެ.
މި މަގާމަށް ޒައީމާއާއި މައުމޫނުގެ އިތުރުން އަމިއްލަ މެންބަރު ބުންޔާމީން ހަސަން ކުރިމަތިލެއްވިއެވެ. ފުރަތަމަ ބުރުގައި ޒައީމާއާއި މައުމޫނަށް 2 ވޯޓު، އަދި ބުންޔާމީނަށް 1 ވޯޓު ލިބުމަށްފަހު، އޭގެ ފަހުން ބޭއްވި ކޮންމެ ވޯޓެއްގައިވެސް 2-2 އިން އެއްވަރުވެ، ބާތިލް ވޯޓެއްގެ ސަބަބުން މައްސަލަ އޮތީ މަރުތަޅު އެޅިފައެވެ. ހުވާކުރި ދުވަހު އެކަނިވެސް 6 ފަހަރަށް ޖަލްސާ ބޭއްވިއެވެ. އިއްޔެ މެންދުރު ބޭއްވި 7 ވަނަ ޖަލްސާވެސް ނިމުނީ ނަތީޖާއެއް ނުނެރެވިފައެވެ.
މީގެ ކުރިން ލޯކަލް ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްގެ ރައީސްކަމަށްވެސް ވާދަކުރެއްވި ޒައީމާ މުހައްމަދު ނައިބު ރައީސްކަމަށް ހޮވުމާއެކު، މަހިބަދޫ ކައުންސިލްގެ ރަސްމީ ހިންގުން މިހާރު ވަނީ ފެށިފައެވެ.