ހުޅުމާލޭގައި އާ ސްޕޯޓްސް ޕާކެއް ހުޅުވައިފި

އެން1 ސްޕޯރޓްސް ޕާރކް. ފޮޓޯ: އެޗްޑީސީ
އެން1 ސްޕޯރޓްސް ޕާރކް. ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ނެއިބަރހުޑް އެކެއްގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތަރައްގީކުރި ސްޕޯޓްސް ޕާކު ރަސްމީކޮށް ހުޅުވައިފިއެވެ. މި ޕާކު ހުޅުވުމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޕާކު އިފުތިތާހުކޮށްދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރެވެ.

އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި، އަލަށް ހުޅުވި މި ސްޕޯޓްސް ޕާކުގައި ތިން ބާވަތެއްގެ ކުޅިވަރު ކުޅެވޭނެ އިންތިޒާމު ވަނީ ގާއިމުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ވޮލީ ކޯޓަކާއި، ބާސްކެޓްބޯޅަ ކޯޓެއްގެ އިތުރުން ފުޓްސަލް ކުޅޭނެ ހާއްސަ ދަނޑެކެވެ. ޕާކު ރަސްމީކޮށް ހުޅުވުމަށްފަހު، މި ތިން ދަނޑުގައިވެސް ވަނީ އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައެވެ. މިއީ އެ ސަރަހައްދުގެ ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެކެވެ.

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާއެއްގައި، ނެއިބަރހުޑް އެކެއްގެ ރައްޔިތުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. އެ ސަރަހައްދުގައި ކުޅިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރުމުން، ރައީސް ވަނީ އެކަމަށް ހާއްސަ އިސްކަމެއް ދެއްވައިގެން އެ މަސައްކަތް ނިންމުމަށް އެޗްޑީސީއަށް އިރުޝާދު ދެއްވާފައެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ސަރަހައްދުގެ ކޮމިއުނިޓީ ރެޕްރެޒެންޓޭޓިވް ނައީމް ވަނީ، ރައްޔިތުންގެ ޒަމާންވީ ޝަކުވާއަށް ހައްލެއް ހޯއްދަވައިދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިފަދަ ވަސީލަތްތަކުގެ ސަބަބުން މުޖުތަމައުގެ ބަދަހިކަން އިތުރުވެ، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވެގެންދާނެއެވެ.

ސަރުކާރުގެ ސިޔާސަތަކީ މުޅި ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށް، ދުޅަހެޔޮ ދިވެހި މުޖުތަމައެއް ބިނާކުރުމެވެ. މިގޮތުން އައުޓްޑޯ ޖިމްތަކާއި ފިޓްނަސް ސެންޓަރުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކޮށް ނިންމުމެވެ.

މިފަދަ ސެންޓަރުތަކާއި ކުޅިވަރު ދަނޑުތަކުގެ ބޭނުމަކީ ދިވެހިންނަކީ ދުޅަހެޔޮކަމަށް ލޯބިކުރާ، އެކަމަށް އަހުލުވެރިވެފައިވާ ބަޔަކަށް ހެދުން ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. ހުޅުމާލޭގެ ނެއިބަރހުޑް އެކެއްގައި މި ހުޅުވުނު ސްޕޯޓްސް އެރީނާއަކީ އެ ސަރަހައްދުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ