އޮސްޓްރޭލިއާ ދަތުރުތަކުން ފަތުރުވެރިކަމާއި ވިޔަފާރިއަށް ފައިދާކުރާނެ: އަމީން

ވަޒީރު އަމީން ޕީއެސްއެމްއަށް އިންޓަވިއު ދެއްވަނީ --
ވަޒީރު އަމީން ޕީއެސްއެމްއަށް އިންޓަވިއު ދެއްވަނީ --

ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ފެށުމަކީ، ރާއްޖޭގެ ފަތުރުވެރިކަމާއި އަދި ވިޔަފާރީގެ ދާއިރާއަށް ކުރިއެރުން ލިބިގެންދާނެ ކަމެއް ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ޤައުމީ އެއާލައިން "މޯލްޑިވިއަން" އިން ދެ ޤައުމުގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފެށި މި ސީދާ ދަތުރުތަކަކީ، ރާއްޖޭގެ އޭވިއޭޝަން ސިނާޢަތް ބައިނަލްއަޤްވާމީ ބޮޑެތި މާކެޓުތަކާ ގުޅާލުމަށް އެޅުނު ތާރީޚީ ފިޔަވަޅެކެވެ. ވަޒީރު އަމީން ސިފަކުރެއްވި ގޮތުގައި މިއީ ފަތުރުވެރިކަމުގެ އިތުރުން ޤައުމީ ފަޚުރާވެސް ގުޅިފައިވާ ކަމެކެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސް، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވަމުންދާ ދަނޑިވަޅެއްގައި، މިއީ ރާއްޖޭގެ އިޤްޠިޞާދަށް ލިބުނު ވަރަށް ބޮޑު ދިރުމެއް ކަމަށް އަމީން ވިދާޅުވިއެވެ.

ހަމައެއާއެކު ސަރުކާރުގެ އިޤްޠިޞާދީ ސިޔާސަތުގެ ދަށުން މޯލްޑިވިއަންގެ ފްލީޓަށް ބޮޑެތި 'ވައިޑް ބޮޑީ' މަތިންދާބޯޓު ގެނައުމަކީ، ދުރު ރާސްތާގެ މާކެޓުތަކަށް އަމާޒުކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރެވުނު މުހިންމު އިންވެސްޓްމަންޓެއްގެ ގޮތުގައި އަމީން ސިފަކުރެއްވިއެވެ.

އޮސްޓްރޭލިއާގެ މެލްބާންއިން ފުރައިގެން ސީދާ މާލެއަށް އައި މި ފުރަތަމަ ފްލައިޓް އޮޕަރޭޓްކޮށްފައި ވަނީ ސީދާ ދިވެހި ޕައިލެޓުންނާއި ކްރޫއިންނެވެ.

އޮސްޓްރޭލިއާގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަން ސިންގަފޫރަށް ފެތުރުމުގެ ގޮތުން އިތުރު އައު މާކެޓުތަކަށް ދަތުރުތައް ފެށުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ