އަލިމަތާ ކައިރީ ކަނޑުއަޑީގެ ހޮހޮޅައަކަށް ފީނަނިކޮށް ގެއްލިގެން ހޯދަމުން ދާ އިޓަލީގެ ހަތަރު ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ނަގައިފިއެވެ.
ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާގައި ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަނީ ރާއްޖެ އައި ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުންނާއި އެމްއެންޑީއެފް އަދި ފުލުހުން ގުޅިގެންނެވެ.
އެމްއެންޑީއެފްއިން އިއްޔެ ވަނީ އެ އޮޕަރޭޝަނުގައި، އެމީހުންގެ ހަށިގަނޑުތައް ޑައިވްކުރި ހޮހަޅައިގެ ތެރެއިން ލޮކޭޓްކުރެވިފައިވާ ކަމަށް ބުނެފައެވެ.
އެނގިފައިވާ ގޮތުގައި އެ މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު ވަނީ ނަގައިފައެވެ.
ގެއްލުނު ޑައިވަރުން ހޯދަން ފީނި އެމްއެންޑީއެފްގެ އޮފިސަރަކު ހޮނިހިރު ދުވަހު ވަނީ ޑީކޯވެގެން މަރުވެފައެވެ.
ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ ފަސް ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު، އެމްއާރުސީސީއަށް ލިބުނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ.
މި ހާދިސާގައި ގެއްލިފައިވަނީ އެ އުޅަނދުން ޑައިވިން އަށް ދިޔަ އިޓަލީގެ ޑައިވިން އިންސްޓްރަކްޓަރަކާއި ހަތަރު ޑައިވަރުންނެވެ. އޭގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ. އޭނާގެ ހަށިގަނޑުވެސް ފެނުނީ ހޮހަޅައިގެ ތެރެއިންނެވެ.