މެދުއިރުމަތީގެ މަސްރަހުގައި އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން އުފައްދާފައިވާ ވަޒީރުންގެ މަޖިލީހުގެ ޚާއްޞަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ "މޯލްޑިވްސް ފަސްޓް" ނުވަތަ ދިވެހިރާއްޖެ އިސްކުރުމުގެ މައްޗަށް ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. މި ސިޔާސަތަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ސިޔާސަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ، ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއިން ނިންމާ ކޮންމެ ނިންމުމެއްގައިވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ދިވެހި ދައުލަތުގެ މަސްލަހަތާއި ދިވެހި ރައްޔިތުންގެ ލާބައަށް ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސް ކަމުގައިވެސް ވަޒީރު ބަޔާންކުރެއްވިއެވެ.
މެދުއިރުމަތީގެ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އެ ސަރަހައްދުގައި ހިނގަމުންދާ ކަންކަން ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިފަދަ ދަނޑިވަޅުތަކުގައި ބައިނަލްއަގުވާމީ ގޮތުން ލިބެން ހުރީ ކޮން އެހީތަކެއްތޯ ބަލައި، ދުރާލާ އެމަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް ނާންނާނެ ގޮތުގެ މަތިން، ދުނިޔޭގެ ހުރިހާ ޤައުމުތަކާއެކުވެސް ގާތް ގުޅުމެއް ބޭއްވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ ދަށުން، ރާއްޖެއަށް އެންމެ ފައިދާހުރި ގޮތްތަކަށް ބަލައިގެން ޚާރިޖީ ގުޅުންތައް ބަދަހިކުރަމުންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.