މަސްވެރިންނަށް ދަތިނުވެ ކަނޑަށް ފުރޭނެ މަގުފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭ: މިނިސްޓަރު ޝިޔާމް

މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޘިޔާމް މިއަދުގެ ބައްދަލުވުމުގެ ތެރެއިން.
މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޘިޔާމް މިއަދުގެ ބައްދަލުވުމުގެ ތެރެއިން.

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގައި ހަކަތައަށް ކުރަންޖެހޭ ހޭދަ ބޮޑުވެފައިވީ ނަމަވެސް، މަސްވެރިންނަށް ދަތިކަމެއް ނެތި ކަނޑަށް ފުރޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ މެދުއިރުމަތީގެ މަސްލަހަތާ ގުޅޭގޮތުން އުފައްދާފައިވާ ކެބިނެޓްގެ ޚާއްޞަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ، މިދިޔަ ފެބުރުވަރީ މަހުން ފެށިގެން މަސްވެރިންނަށް ދެމުން އަންނަ ތެލުގެ ސަބްސިޑީ މެދުކެނޑުމެއް ނެތި ކުރިއަށްދާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ އަތޮޅެއްގައި އެފްއެސްއެމް މެދުވެރިކޮށް އެސްޓީއޯގެ ރޭޓުގައި ތެޔޮ ފޯރުކޮށްދެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިއީ މަސްވެރިން ބޭނުންވާ ގޮތަށް، އެތެރެކުރާ ފަރާތުގެ އަގުގައި ސީދާ ތެޔޮ ގަތުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރާ މަސައްކަތެކެވެ.

އެސްޓީއޯއިން ތެޔޮ ފޯރުކޮށްދިނުމުގައި ކުދިކުދި ލަސްތަކެއް އުޅޭކަމުގެ ޝަކުވާ މަސްވެރިންގެ ފަރާތުން ލިބެމުންދާކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ އެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ފެބުރުވަރީ މަހުން ފެށިގެން މިހާތަނަށް 1،832 އުޅަނދަކަށް (ތަކުރާރުކޮށް ތެޔޮ އެޅި އުޅަނދުތައް ހިމެނޭހެން) 2.5 މިލިއަން ލީޓަރުގެ ތެޔޮ ވަނީ ދޫކޮށްފައެވެ. މިއީ މަސްވެރިންނަށް ކަނޑަށް ފުރޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން ވެދޭ ބޮޑު އެހީއެކެވެ.

މަސް ބޭރުކުރާ ކުންފުނިތަކާއި މިފްކޯއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ތެލުގެ އަގު އުފުލުމުގެ ސަބަބުން ހިންގުމުގެ ޚަރަދު ބޮޑުވެފައިވާ ކަމަށެވެ. ސީދާ މާލީ އެހީތެރިކަން ފޯރުކޮށްނުދެވުނު ނަމަވެސް، ހިންގުމުގެ ޚަރަދު ކުޑަކުރުމަށް ބޭނުންވާ އޮޕަރޭޝަނަލް އެހީތެރިކަން ސަރުކާރުން ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ކުރިމަތިވާ ފްރައިޓް ޗާޖު ނުވަތަ އުފުލުމުގެ ޚަރަދު ކުޑަކުރުމަށް ސަރުކާރުން މަޝްވަރާތައް ކުރިއަށްގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ދަނޑުވެރިކަމުގެ ދާއިރާއާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ތަކެތީގެ އަގު އުފުލިދާނެތީ، އެކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފާއިތުވި ދުވަސްތަކުގައި މަސްވެރިކަން ރަނގަޅުވި ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން މިހާރު މަސްވެރިކަން ދަށްވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ ދަތި ދަނޑިވަޅުތަކުގައިވެސް މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތަށް ލިބޭ ގެއްލުން ކުޑަކުރުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ