މިދިޔަ ފެބްރުއަރީއާއި މާރިޗުގައި އޯލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) އިން ހާމަކުރި ގޮތުގައި، މިއަދު މެންދުރު 12:00 އިން ފެށިގެން ދަރިވަރުންގެ ނަތީޖާ އަންނަނީ ދޫކުރަމުންނެވެ.
މިއަހަރުގެ ކުރީކޮޅު ބޭއްވި މި އިމްތިޙާނުގައި ޖުމްލަ 8,218 ދަރިވަރުން ބައިވެރިވިއެވެ. މާލޭގެ 21 ސެންޓަރެއްގެ އިތުރުން، އަތޮޅުތަކުގެ 246 ސެންޓަރެއްގައި މި އިމްތިޙާނު ކުރިއަށްދިޔައެވެ.
އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ ނަތީޖާ ދޫކުރުމުގައި ޑީޕީއީ އިން ވަނީ މުހިންމު އުސޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން، ދަރިވަރުގެ ބަދަލުގައި އެހެން މީހަކު ނަތީޖާ ބަލާދާނަމަ، ދަރިވަރުގެ އައިޑީ ކާޑުގެ އިތުރުން، ހަވާލުވާ މީހާގެ އައިޑީ ކާޑުވެސް ގެންދިއުމަށް ވަނީ އިރުޝާދު ދީފައެވެ.
މިއަހަރު ނަތީޖާ ލިބުނު ދަރިވަރުންނަކީ އަހަރުގެ ކުރީކޮޅު އިމްތިޙާނު ނިންމި ކުދިން ކަމަށްވިޔަސް، މިހާރު ގްރޭޑް 10 އެއްގައި ކިޔަވާ ދަރިވަރުންގެ އޯލެވެލް އޮންނާނީ މިއަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު މަހުގައެވެ.
މިދިޔަ އަހަރުން ފެށިގެން އޯލެވެލް ހަދާ ކޮންމެ ދަރިވަރަކު އިސްލާމް، ދިވެހި، ހިސާބު އަދި އިނގިރޭސި، މި ހަތަރު މާއްދާ ހެދުން ވަނީ މަޖުބޫރުކޮށްފައެވެ. މި މަޖުބޫރު ހަތަރު މާއްދާގެ އިމްތިޙާނު ފީ ދައްކައިދެނީ ސަރުކާރުގެ ފަރާތުންނެވެ.