މެދުއިރުމަތީގެ ހަމަނުޖެހުންތަކާއެކުވެސް ފަތުރުވެރިކަން އިއާދަވަމުންދާކަމަށް ވަޒީރުންގެ ކޮމިޓީން ހާމަކޮށްފި

ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީ. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީ. ފޮޓޯ: ރައީސް އޮފީސް

މެދުއިރުމައްޗާއި ގަލްފުގެ ސަރަޙައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި، މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތަފުސީލު ހިއްސާކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ވަޒީރުން ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމުގައި އުންމީދީ ނަތީޖާތަކެއް ފެންނަމުންދާކަމަށެވެ.

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ދެއްވި މައުލޫމާތުގައިވާ ގޮތުން، މިދިޔަ އަހަރާ އަޅައިބަލާއިރު މިއަހަރުގެ މާރިޗު މަހު ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު 22.5 އިންސައްތަ ދަށަށް ދިޔައެވެ. އަދި އެޕްރީލް މަހު އެ ނިސްބަތް 26.5 އިންސައްތައަށް ދަށަށް ދިޔަ ނަމަވެސް، މި ހިނގާ މޭ މަހުގެ މިހާތަނަށް އެ އަދަދު ވަނީ 8.9 އިންސައްތައަށް ކުޑަކުރެވިފައެވެ. މި ބަދަލަކީ ސަރުކާރުގެ ވުޒާރާތަކާއި ސިނާއަތުގެ ބައިވެރިން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ގައުމީ އެއާލައިން މޯލްޑިވިއަނަށް ވައިޑް ބޮޑީ އެއާކްރާފްޓް ގެނައުމަށް ނިންމެވި ނިންމެވުމަކީ މިފަދަ ހައްސާސް ދަނޑިވަޅެއްގައި ރާއްޖޭގެ އަމިއްލަ ގާބިލިއްޔަތު އިތުރުކޮށްދިން މުހިންމު ފިޔަވަޅެއް ކަމަށެވެ. މީގެ ސަބަބުން އިގުތިސާދީ ގެއްލުންތައް ކުޑަކުރުމަށް މަގުފަހިވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ބޭނުންވާ ތެޔޮ ފަސޭހައިން ލިބޭނޭ އިންތިޒާމުތައް ހުރިހާ އަތޮޅެއްގައި ގާއިމުކުރެވިފައިވާ ކަމަށެވެ. ނަމަވެސް، އެސްޓީއޯ މެދުވެރިކޮށް ތެޔޮ ފޯރުކޮށްދިނުމުގައި ހުރި ލޮޖިސްޓިކަލް ދަތިތައް ހައްލުކުރުމަށް މަސައްކަތްކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މަސް ޕްރޮސެސްކުރާ ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ކުޑަކުރުމަށާއި، ދަނޑުވެރިކަމުގެ އުފެއްދުންތައް އުފުލުމަށް ހިނގާ ނާލުގެ ހަރަދު ކުޑަކުރުމަށްވެސް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް ވަނީ، ބޭރުގެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ގާތުން ބަލަމުންދާކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ބައިނަލްއަގުވާމީ މުއައްސަސާތަކާ ގުޅިގެން އިގުތިސާދީ ލޮޅުންތައް ކުޑަކުރުމަށް ހާރިޖީ ދާއިރާއިން ކުރަމުންދާ މަސައްކަތްތައް އެކަމަނާ ތަފުސީލުކޮށްދެއްވިއެވެ.

މާލީ ވަޒީރު އަދި ކޮމިޓީގެ މުޤައްރިރު މޫސާ ޒަމީރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލާއި ކާޑުގެ އަގަށް އަންނަ ބަދަލުތަކާއެކުވެސް، ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ދަތިކަމެއް ނެތި ފޯރުކޮށްދިނުމަށް އިސްކަންދެއްވާ ކަމަށެވެ. އަދި ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ދަރަނިތައް އަދާކުރުމުގައި ދެމެހެއްޓެނިވި ސިޔާސަތެއް ގެންގުޅުއްވާކަން ޒަމީރު ފާހަގަކުރެއްވިއެވެ. މިހާރު ގައުމުގެ ދަރަނި ހުރީ ކޮންޓްރޯލް ކުރެވިފައިވާ މިންވަރެއްގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ