މާކެޓް ކޮމްޕްލެކްސް އެޅުމަށް ބިން ހަވާލުކުރަން ސިޓީ ކައުންސިލުން ދެކޮޅުހަދާކަމަށް މިނިސްޓްރީން ބުނެފި

MaleWetMarketComplex

މާލޭގައި ޒަމާނީ ފެންވަރުގެ "ވެޓް މާކެޓް ކޮމްޕްލެކްސް" އެޅުމަށް ބޭނުންވާ ބިން ހަވާލުކުރުމަށް އެދި ތަކުރާރުކޮށް މާލެ ސިޓީ ކައުންސިލުގައި ދެންނެވުމުންވެސް، އެ ބިން މިހާތަނަށް ހަވާލުކޮށްފައިނުވާކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ. މި މަޝްރޫއަކީ މާލޭގެ މާރުކޭޓުތަކުގެ އިންފްރާސްޓްރަކްޗަރ ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިއްމު މަސައްކަތެކެވެ.

މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މަޝްރޫއުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ވުޒާރާގެ ފަރާތުން ފުރިހަމަކުރަންޖެހޭ އެންމެހައި އިދާރީ ކަންކަމާއި ފައިނޭންސް މިހާރު ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 116,999,624.94 (ސަތޭކަ ސޯޅަ މިލިއަން ނުވަސަތޭކަ ނުވަދިހަ ނުވަހާސް ހަސަތޭކަ ސައުވީސް ރުފިޔާ ނުވަދިހަ ހަތަރު ލާރި) އެވެ. މަސައްކަތުގެ ކޮންޓްރެކްޓަރުވެސް އޮތީ އަމަލީ މަސައްކަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ބިން ހަވާލުކުރުމަށް އެދި މިނިސްޓްރީން ސިޓީ ކައުންސިލަށް ފޮނުވި ސިޓީތަކުގެ ތަފްސީލްވެސް ވަނީ ހާމަކޮށްފައެވެ. އެގޮތުން އެންމެ ފުރަތަމަ ސިޓީ ފޮނުވާފައިވަނީ 29 މާރިޗު 2026 ގައެވެ. އޭގެ ފަހުން އޭޕްރީލް 12 ގައި ދެވަނަ ސިޓީއެއް ފޮނުވައި، އޭޕްރީލް 18 ގެ ކުރިން ބިން ހަވާލުކުރުމަށް އެދުނެވެ. ނަމަވެސް، އޭޕްރީލް 30 ގައި ކައުންސިލުން ދިން ޖަވާބުގައި ބުނެފައިވަނީ ބިން ހަވާލުކުރުމުގެ ކުރިން މާލޭގެ މޭޔަރު މިނިސްޓަރާ ބައްދަލުކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. މީގެ ފަހުންވެސް މޭ މަހުގެ 3 ވަނަ ދުވަހާއި 18 ވަނަ ދުވަހު ބިން ހަވާލުކުރުމަށް އެދި މިނިސްޓްރީން ވަނީ ސިޓީ ފޮނުވާފައެވެ.

ވެޓް މާކެޓް ކޮމްޕްލެކްސްއަކީ ގިނަ ވަސީލަތްތަކެއް އެކުލެވޭނެ އިމާރާތެކެވެ. މި އިމާރާތުގެ ބޭސްމަންޓް ޕާކިންއަށް ހާއްސަކުރާއިރު، ގްރައުންޑް ފްލޯގައި މަސްމާރުކޭޓު ގާއިމުކުރެވޭނެއެވެ. ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި ދަނޑުވެރިކަމުގެ އުފެއްދުންތަކާއި މޭވާއާއި ތަރުކާރީ މާރުކޭޓެއް ހުންނާނެއެވެ. އަދި ޓެރަސް ހާއްސަކޮށްފައިވަނީ ފުޑް ކޯޓުތަކަށެވެ. މީގެ އިތުރުން ފަސް ލިފްޓާއި، މަސް ބެހެއްޓުމަށް ބޭނުންވާ ސްޓެއިންލެސް ސްޓީލް ކިއޮސްކްތަކާއި، ފަސް ޓަނުގެ އައިސް މެޝިނެއްވެސް މިތަނުގައި ހުންނާނެއެވެ.

މިނިސްޓްރީން ބުނީ ދެ މަސްދުވަސް ވެގެންދިޔައިރު ހަތަރު ފަހަރު މަތިން ސިޓީ ފޮނުވައިގެންވެސް ބިން ހަވާލުކޮށްފައި ނުވާތީ، މަޝްރޫއު ނުފެށި އޮތް ހަމައެކަނި ސަބަބަކީ އެއީ ކަމަށެވެ. 600 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މި މަޝްރޫއު ލަސްވާ ކޮންމެ ދުވަހަކީ އޭގެ ސަބަބުން މަޝްރޫޢުގެ އަގު ބޮޑުވެ، ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތަކުން މަހްރޫމްވާނެ ކަމެއްކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ސަރުކާރުގެ އަމާޒަކީ ވީ އެންމެ އަވަހަކަށް މި މަސައްކަތް ފަށައި، ރައްޔިތުންނަށް މި މުހިއްމު ޚިދުމަތް ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ