ދައުލަތުގެ ބަޖެޓުން މިފްކޯއަށް ދެމުން އައި ސަބްސިޑީ ހުއްޓާލައި، ކުންފުނި އަމިއްލަ އާމްދަނީން ހިންގަން ފަށައިފި

mifco-1024x603

ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު މިފްކޯއަށް ދެމުން އައި ބޮޑު މާލީ އެހީތެރިކަން ނުވަތަ ސަބްސިޑީ ދިނުން ހުއްޓާލައި، އެ ކުންފުނި އަމިއްލަ އާމްދަނީން ހިންގަން ފަށާފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މިފްކޯއަށް މަސް ގަތުމަށްޓަކައި ކޮންމެ ކިލޯއަކަށް 13 ރުފިޔާގެ މަގުން މާލީ ވުޒާރާއިން ސަބްސިޑީ ދެމުންދިޔަ ކަމަށެވެ. މިއީ އަހަރެއްގެ މައްޗަށް ބަލާއިރު ގާތްގަނޑަކަށް 1.1 ބިލިއަން ރުފިޔާގެ ބޮޑު ހޭދައެކެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ބުރަބޮޑުވާ ގޮތަށް ދައުލަތުގެ ކުންފުނިތައް ހިންގުމަކީ މި ސަރުކާރުން ބޭނުންވާ ގޮތެއް ނޫނެވެ. އެހެންކަމުން، އެ އުސޫލު މިހާރު ވަނީ ބަދަލުކޮށްފައެވެ.

މިހާރު ސަރުކާރުން ސަބްސިޑީ ދެމުން ގެންދާނީ ހަމައެކަނި މަސްވެރިންނަށް ވިއްކާ ތެލަށް އެކަނި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިފްކޯއިން ތެޔޮ ގަތުމުގައިވެސް މިހާރު އަމަލުކުރަމުންދަނީ އާންމު ވިޔަފާރި އުސޫލުންނެވެ. އެގޮތުން އެފްއެސްއެމް މެދުވެރިކޮށް މިފްކޯއިން ތެޔޮ ގަންނަނީ އެހެން ކުންފުނިތަކެކޭވެސް އެއްފަދައިން ބާޒާރުގެ އާންމު ރޭޓުގައެވެ. މިއީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ދައުލަތުގެ ބަޖެޓަށް އޮތް ބުރަ ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.

މިފްކޯގެ މާލީ ހާލަތަށް ބަލާއިރު، 2024 ވަނަ އަހަރަކީ އެ ކުންފުންޏަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އަހަރެކެވެ. އެ އަހަރުގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި ކުންފުނީގެ އާމްދަނީ ވަނީ 2.009 ބިލިއަން ރުފިޔާއިން 1.076 ބިލިއަން ރުފިޔާއަށް ދަށަށް ގޮސްފައެވެ. 2024 އަދި 2025 ވަނަ އަހަރަކީވެސް މިފްކޯއަށް މާލީ ގޮތުން ދަތި އަހަރުތަކެއް ނަމަވެސް، މިހާރުގެ މެނޭޖްމަންޓުން ދަނީ ކުންފުނީގެ އާމްދަނީ އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކުންފުނީގެ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އަމާޒަކީ ބާޒާރުގެ ހާލަތަށް ރިއާޔަތްކޮށް، ކުންފުނީގެ ވިޔަފާރީގެ އޮނިގަނޑު ވަރުގަދަކުރުން ކަމަށެވެ. މި ބަދަލުތަކާއެކު މިފްކޯއަކީ ދައުލަތަށް ބަރޯސާނުވެ، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏަކަށް ހެދުމަށް ސަރުކާރުން ދަނީ ބާރުއަޅަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ