ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) ގެ އޭޝިއާ، އޯޝޭނިއާ އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގާލާ ސެރެމަނީ މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ވިޒިޓް މޯލްޑިވްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ ޑަބްލިއުޓީއޭގެ މި ތިން ސަރަހައްދުގެ ހަފްލާ އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 27ވަނަ ދުވަހުއެވެ. މި ތާރީހަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.
މި ފަހަރުގެ އެވޯޑް ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ފުރަތަމަ "މަލްޓި-އައިލެންޑް އިންޓަގްރޭޓެޑް ލައިފްސްޓައިލް ރިސޯޓް" ކަމަށްވާ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. މި ރިސޯޓަކީ އޭޝިއާ، އެފްރިކާ އަދި މެދުއިރުމަތި ގުޅުވައިދޭ ވިޔަފާރި މަރުކަޒެއްގެ ގޮތުގައި ރާއްޖެ އޮތް މުއްސަނދި ތާރީހުގެ މައްޗަށް ބިނާކޮށް ފަރުމާކޮށްފައިވާ ތަނެކެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގެ ބާނީ ގްރަހަމް ކޫކް ވިދާޅުވި ގޮތުގައި، މި ތިން ސަރަހައްދުގެ ވަނަތައް ހާސިލްކުރާ ފަރާތްތައް އެއް ހަފްލާއަކަށް ޖަމާވުމަކީ، ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގެ ނުފޫޒާއި ދައުރު ބޮޑުކަން ރަމްޒުކޮށްދޭ ކަމެކެވެ.
ސައި ލެގޫން މޯލްޑިވްސް އަދި ކްރޮސްރޯޑްސްގެ މެރީނާގެ ޖެނެރަލް މެނޭޖަރު އެލެގްޒެންޑަރ ޓްރޭގާ ވިދާޅުވީ، ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހު މިފަދަ ޝަރަފުވެރި ހަފްލާއެއް އެ މަންޒިލްގައި ބޭއްވުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އަދި މިއީ ތަފާތު ތަޖުރިބާތައް އެއް ތަނަކުން ފޯރުކޮށްދިނުމަށް އެ ކުންފުންިން ގެންގުޅޭ ތަސައްވަރަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވި ގޮތުގައި، މި ގާލާ ސެރެމަނީގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މެހެމާންދާރީގެ އިތުރުން، ޒިންމާދާރު އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ދާއިރާގެ އިސްވެރިންނަށް މަރުހަބާ ކިޔައި، ރާއްޖޭގެ ތަފާތު ސަގާފަތާއި ހިތްގައިމުކަން ހިއްސާކުރުމަށް ތިބީ ކެތްމަދުވެފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި އެންމެ ފަހުން ވޯލްޑް ޓްރެވަލް އެވޯޑްސްގެ ހަފްލާއެއް ބާއްވާފައިވަނީ 2017ވަނަ އަހަރުއެވެ. އޭގެ ފަހުން ރާއްޖެއިން ވަނީ ދެމެހެއްޓެނިވި ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާއިން ބައިނަލްއަގުވާމީ ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައެވެ. އެގޮތުން ވޭތުވެދިޔަ ހަ އަހަރު ވިދިވިދިގެން ރާއްޖެއަށް ވަނީ "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ލިބިފައެވެ.