ގެއްލުނު ހުރިހާ ޑައިވަރުންގެ ހަށިގަނޑުތައް ނަގައިފި

ކޭވްތެރޭގައި މަރުވި 5 ޑައިވަރުން
ކޭވްތެރޭގައި މަރުވި 5 ޑައިވަރުން

ވ. އަތޮޅު އަލިމަތާ ކޭވްއަށް ޑައިވިނަށް ގޮސް އުޅެނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ގެއްލުނު އިޓަލީވިލާތުގެ ފަސް ފަތުރުވެރިންގެ ހަށިގަނޑުތައް ފެނި، އެ އެންމެންގެ ހަށިގަނޑުތައް ލޮނުގަނޑުގެ އަޑިން ނަގައިފިއެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އިޓަލީގެ ފަތުރުވެރިންތަކެއްގެ އިތުރުން ޑައިވިން އިންސްޓްރަކްޓަރެކެވެ.

މި ހާދިސާގައި މަރުވެފައިވަނީ ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން (51އ) އާއި، އޭނާގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމާކަލް (20އ) އެވެ. މީގެ އިތުރުން އެ ޔުނިވަސިޓީގެ ދިރާސާވެރިން ކަމަށްވާ މިއުރިއަލް އޮޑެނީނޯ (31އ) އާއި ފެޑެރިކޯ ގުއަލްޓިއޭރީ (31އ) ގެ އިތުރުން ޑައިވިން އިންސްޓްރަކްޓަރު ގިއަންލޫކާ ބެނެޑެޓީ (41އ) ވެސް ވަނީ މި ހާދިސާގައި މަރުވެފައެވެ.

މި މީހުން ގެއްލިގެން ފުލުހުންނަށާއި ސިފައިންނަށް ރިޕޯޓު ލިބިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:45 ހާއިރުއެވެ. އެ ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، ކޭވްގެ ގާތްގަނޑަކަށް 60 މީޓަރު އަޑިން އެކެއްގެ ހަށިގަނޑު ފެނިފައިވެއެވެ. ނަމަވެސް، ބާކީ ތިބި މީހުން ހޯދުމަށް ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އެމްއެންޑީއެފްގެ ޑައިވް ޓީމުން ކުރިއަށްގެންދިޔަ ރިކަވަރީ އޮޕަރޭޝަންގައި، ހޮނިހިރު ދުވަހުގެ މެންދުރުފަހު ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވުމާ ގުޅިގެން، އެ އޮޕަރޭޝަން ވަގުތީގޮތުން މެދުކަނޑާލަން ޖެހުނެވެ.

މި އޮޕަރޭޝަން އަލުން ފަށާފައިވަނީ އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ އައި ފިންލޭންޑުގެ ތިން ތަޖުރިބާކާރުންނާ އެކުގައެވެ. އެ ބޭފުޅުންގެ އެހީތެރިކަމާއެކު ކުރެވުނު މަސައްކަތުން، ގެއްލުނު މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު އިއްޔެ ނަގާފައިވާއިރު، ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ނަގާފައިވަނީ މިއަދުއެވެ. މިއާއެކު ގެއްލުނު ފަސް މީހުންގެ ހަށިގަނޑުތައް ވެސް މިހާރު ވަނީ ކަނޑުގެ އަޑިން ނަގައި ނިންމާލައިފައެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން އިޓަލީ ސަރުކާރުން މިހާރު އަންނަނީ މިކަން ހިނގައިދިޔަ ގޮތުގެ ތަހުގީގެއް ހިންގަމުންނެވެ. މިއީ ރާއްޖޭގެ ޑައިވިން ތާރީޚުގައި ވެސް ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ