ވޭތުވެދިޔަ ސަރުކާރުތަކުން މަހުގެ އަގު ކަނޑައެޅުމުގައި މުޅި މަސްވެރިކަމުގެ ސިނާއަތަށް ވިސްނުމެއް ބަހައްޓާފައިނުވާކަމަށް ވިދާޅުވެ، މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ސިޔާސީ ބޭނުންތަކަށްޓަކައި މަހުގެ އަގަށް ގެންނަ ބަދަލުތަކުގެ ސަބަބުން މުޅި ސިނާއަތުގެ މާލީ ހަމަޖެހުން ގެއްލިގެންދާކަމަށެވެ.
ވަޒީރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު އޭރުގެ ސަރުކާރުން މަހުގެ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރީ އެއްވެސް ދިރާސާއެއްގެ މައްޗަށް ބިނާކޮށްގެންނެއް ނޫނެވެ. މިފަދަ ނިންމުންތަކުގެ ސަބަބުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި، ދައުލަތުގެ ކުންފުނިތަކަށް ބޮޑެތި މާލީ ތަކުލީފުތަކާ ކުރިމަތިލާން ޖެހުނުކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، މަސްވެރިންނަށް ނުދީ 150 މިލިއަން ރުފިޔާގެ ބެކްލޮގެއް އޮތްކަން ވަޒީރު ހަނދާންކޮށްދެއްވިއެވެ.
މަސްވެރިންނަށް ނުދެވި ހުރި އެ ފައިސާއަކީ ކުރީ ސަރުކާރުން ހައްލުކުރަންޖެހޭ ކަމެއް ނަމަވެސް، އެކަން އެގޮތަށް ނުކޮށް އޮތުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޖެހިވަޑައިގަތީ އެކަމަށް ހައްލެއް ހޯއްދަވައިދެއްވަން ކަމަށް ޝިޔާމް ވިދާޅުވިއެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން މިހާރު ވަނީ މަސްވެރިންނަށް ނުދެވި ހުރި ހުރިހާ ފައިސާއެއް އެކީއެކަށް ދައްކައި ހަލާސްކޮށްފައިކަމަށްވެސް ވަޒީރު ކަށަވަރުކޮށްދެއްވިއެވެ.
މި ސަރުކާރުގެ މެނިފެސްޓޯ އެކުލަވާލާފައިވަނީ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ދާއިމީ ހައްލެއް ލިބޭނެ ގޮތަށް.
މަހުގެ އަގު ކަނޑައެޅުމުގައި ބައިނަލްއަޤްވާމީ ބާޒާރާއި، ސިނާއަތުގެ ހާލަތަށް ރިޢާޔަތްކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. މިހާރު މިފްކޯގެ ބަނދަރުތަކަށް ކަޅުބިލަމަސް ކިލޯއެއް ގަންނަނީ 17 ރުފިޔާއަށެވެ. އަދި 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބޮޑުކަންނެލި ކިލޯއެއް 20 ރުފިޔާއަށް ގަންނައިރު، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާއަށެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކޮށް، މަސްވެރިކަމުގެ ސިނާއަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާ ސިނާއަތަކަށް ހެދުންކަމަށެވެ. މިކަމަށްޓަކައި ކުރަންޖެހޭ އިޞްލާޙީ ބަދަލުތައް ގެނައުމުގައި ސަރުކާރުން ފަސްނުޖެހޭނެކަމުގެ ޔަޤީންކަންވެސް ވަޒީރު ދެއްވިއެވެ.