ރާއްޖޭގައި ބޭސް ލިބުމުގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އުފައްދާފައިވާ "ސްޓޭޓް ފާމާ" ކުންފުނީގެ ފުރަތަމަ ބޭސްފިހާރަ، ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
އައިޖީއެމްއެޗްގެ އޯޕީޑީ ސަރަހައްދުގައި ގާއިމުކޮށްފައިވާ މި ބޭސްފިހާރައަށް ދީފައިވާ ނަމަކީ "ސްޓޭޓް ފާމާ އައިޖީއެމްއެޗް ފާމަސީ" އެވެ. މިއީ އެ ކުންފުނީގެ ދަށުން ހިދުމަތް ދޭން ފެށި ފުރަތަމަ ބޭސްފިހާރަކަން ފާހަގަކޮށް، ސްޓޭޓް ފާމާއިން ބުނީ މިއީ ފެންވަރު ރަނގަޅު ބޭސް ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި ހާސިލުކުރެވުނު މުހިއްމު ކުރިއެރުމެއް ކަމަށެވެ.
މި ބޭސްފިހާރައިގެ އެންމެ ހާއްސަ އެއް ކަމަކީ މެދުނުކެނޑި 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، ރާއްޖޭގެ ބާޒާރުން ލިބެން ނެތް ބޭސްތައް ބޭރުގެ މާކެޓްތަކުން ހޯދައި، ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ހާއްސަ އިންތިޒާމުތަކެއް މި ފާމަސީ މެދުވެރިކޮށް ވަނީ ހަމަޖައްސާފައެވެ. މި ނިޒާމުގެ ސަބަބުން، މީގެ ކުރިން ބޭސް ހޯދުމުގައި އާންމުން އުފުލަންޖެހުނު ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން އުންމީދުކުރެއެވެ.
ސްޓޭޓް ފާމާއިން ހާމަކުރި ގޮތުގައި، އައިޖީއެމްއެޗްއާ ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ބޭނުންވާ ބޭހާއި، ފަރުވާއަށް ބޭނުންވާ ސިއްހީ އާލަތްތައް ސީދާގޮތެއްގައި ފޯރުކޮށްދިނުމުގެ ހިދުމަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. މިއީ ހޮސްޕިޓަލްގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.
އެ ކުންފުނީގެ މައިގަނޑު އަމާޒަކީ "ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" މި ޝިއާރުގެ ދަށުން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ބޭސް ލިބޭނެ އިންތިޒާމު ދެމެހެއްޓެނެވި ގޮތެއްގައި ހަމަޖެއްސުމެވެ. މި މަސައްކަތުގެ ތެރެއިން، މިދިޔަ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 24 ގަޑިއިރު ހިދުމަތްދޭ ހޮޓްލައިނެއްގެ އިތުރުން، ސްޓޭޓް ފާމާގެ ޕޯޓަލް މެދުވެރިކޮށް ކޮންމެ ރައްޔިތަކަށް ފަސޭހަކަމާއެކު ހިދުމަތަށް އެދެވޭނެ އިންތިޒާމުވެސް ވަނީ ގާއިމުކޮށްފައެވެ.
އައިޖީއެމްއެޗްގައި ހުޅުވުނު މި ބޭސްފިހާރަ މެދުވެރިކޮށް ބޭސް ސިޓީ ހުށަހެޅޭނެ އިންތިޒާމު ހަމަޖެހުމަކީ، ރައްޔިތުންނަށް ބޭސް ހޯދުމުގެ ކަންކަން ލުއިފަސޭހަކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު ތާރީހީ ފިޔަވަޅެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ.