ރަޖިސްޓްރީނުކޮށް ބޭސް އެތެކުރާތީ އަނެއްކާ ވެސް އެމްއެފްޑީއޭގެ އިންޒާރެއް

Screenshot 2026-05-20 at 21.41.40

ރަޖިސްޓްރީނުކޮށް ބައެއް ފަރާތްތަކުން ރާއްޖެއަށް ބޭސް އެތެރެކޮށް ވިއްކަމުންދާނީ އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން އަނެއްކާވެސް ދީފިއެވެ.

އެ އޮތޯރިޓީއިން ވަނީ މީގެ ކުރިންވެސް މިފަދަ މައްސަލަތައް ފެންމަތިވެ ޝަކުވާ ލިބެމުންދާތީ އެފަދަ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަން ހާމަކޮށްފައެވެ.

ރާއްޖޭގެ ބާޒާރުގައި ސިއްހީ ރައްކާތެރިކަން ކަށަވަރުނުކުރެވޭ ބޭސްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، އެމްއެފްޑީއޭއިން މިވަނީ ބޭސް އެތެރެކޮށް ވިއްކުމުގެ އުސޫލުތައް ހަރުކަށިކޮށް، ސިއްހީ ޚިދުމަތުގެ ޤާނޫނުގެ ދަށުން ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވެފައެވެ.

އެމްއެފްޑީއޭއިން ފާހަގަކުރާ ގޮތުގައި ރަޖިސްޓްރީނުކޮށް އެތެރެކުރާ ބޭސްތަކަކީ އޭގެ ފެންވަރާއި ރައްކާތެރިކަން އެއްވެސް މިންވަރަކަށް ކަށަވަރުކުރެވިފައިވާ ތަކެއްޗެއް ނޫނެވެ. މިފަދަ ބޭސްތަކުގައި ހިމެނޭ މާއްދާތަކަކީ ހީވެސް ނުކުރާފަދަ ބޮޑެތި ސިއްހީ ގެއްލުންތަކެއް އިންސާނާގެ ހަށިގަނޑަށް ދީފާނެ ތަކެތި ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

ހަމައެއާއެކު ބޭސް ވިއްކުމުގެ ހުއްދަ ނެތް ފަރާތްތަކުން ސޯޝަލް މީޑިއާ އާއި އޮންލައިން ޕްލެޓްފޯމްތަކުގެ އިތުރުން، އާދައިގެ ފިހާރަތަކުގައި ވެސް މިފަދަ ބޭސްތައް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ. އަދި މި ވަގުތުވެސް ބާޒާރުގައި ގަވާއިދާ ހިލާފަށް އެންމެ ގިނައިން ވިއްކާ 21 ބާވަތެއްގެ ބޭސް އެމްއެފްޑީއޭއިން ވަނީ ފާހަގަކޮށްފައެވެ.

ބޭހާ ބެހޭ ޤަވާއިދަށް ގެނެސްފައިވާ ބަދަލުތަކާއެކު، ހުއްދަ ނެތި ބޭސް އިމްޕޯޓްކުރާ ފަރާތްތަކަށް ސަލާމަތްވުމުގެ ފުރުސަތު މިހާރު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.

ބޭސް ގަތުމުގެ ކުރިން އެއީ ރަޖިސްޓްރީކޮށްފައިވާ ބޭހެއްތޯ ކަށަވަރު ކުރުކޮށް، އޮންލައިންކޮށް ބޭސް ގަތުމުގައި އިތުރަށް ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ. އަދި ކަމާބެހޭ ފަރާތްތަކުގެ ހުއްދައާ ނުލައި ވިޔަފާރީގެ އުސޫލުން ބޭސް ގެންގުޅޭ ފަރާތްތައް ދެނެގަތުމަށް ޚާއްޞަ އިންސްޕެކްޝަންތަކެއް މުޅި ރާއްޖޭގައި ކުރިއަށް ގެންދާނެ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ