ސަރުކާރުގެ ސްކޫލުތަކުގައި އޭލެވެލަށް ކިޔެވުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ، އެއްވެސް ކުއްޖަކު ބާކީނުކޮށް، އެ ކުއްޖަކު ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން މަތީ ސާނަވީ ތަޢުލީމު ހާސިލްކުރުމުގެ މަގު ފަހިކޮށްދިނުމެވެ.
އޭލެވެލް އިމްތިހާނު ހަދާ ކުދިންގެ އަދަދު އިތުރުކޮށް، ކިޔަވާ ކުދިންނަށް ތަފާތު ދާއިރާތަކުން ފުރުޞަތު ދިނުމަށް މިނިސްޓްރީން ވަނީ ތިން މަގެއް ކަނޑައަޅާފައެވެ އެއީ:
- އެކަޑެމިކް ސްޓްރީމް: އިލްމީ ދާއިރާތަކުން މަތީ ތައުލީމަށް ތައްޔާރުވުން.
- ވޮކޭޝަނަލް އެޑިއުކޭޝަން: ސްކޫލް މާހައުލުގައި ފަންނީ ހުނަރުތައް ދަސްކުރުން.
- އެޕްރެންޓިޝިޕް ޕްރޮގްރާމް: މަސައްކަތުގެ މާހައުލުގައި އަމަލީ ތަޖުރިބާއާއެކު ކިޔެވުން ކުރިއަށް ގެންދިއުން.
އޯލެވެލް ނަތީޖާ ލިބުނު ދަރިވަރުންނަށް އަންނަ ބުދަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އަދި 16 އަހަރާއި 18 އަހަރާ ދެމެދުގެ ދަރިވަރުންނަށް ފުރުޞަތު އޮންނާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އޯލެވެލް ނުވަތަ ބީޓެކްގެ ތިން މާއްދާ އިން ފެށިގެން ފަސް މާއްދާއާ ހަމައަށް ފާސްވާ ދަރިވަރުންނަށް އޭލެވެލަށް ވަނުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.