ޓައިވާނަކީ ޗައިނާގެ ސިޔާދަތީ ބާރު ހިންގާ އެ ޤައުމުގެ ބައެއް ކަމަށާއި، ރާއްޖެއިން "ވަން ޗައިނާ" ސިޔާސަތު މަތީ ދެމި ތިބޭނެ ކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން ދީފިއެވެ.
ވަން ޗައިނާ ސިޔާސަތަކީ ދިވެހިރާއްޖެއިން އެ ޤައުމާ ސިޔާސީ ގުޅުން ޤާއިމުކުރުމަށް ފަހު އަބަދުވެސް ދަމަހައްޓާ ސިޔާސަތެކެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައި ވަނީ ބައިނަލްއަޤްވާމީ ބޮޑެތި ބާރުތަކުގެ ސިޔާދަތަށް އިޙްތިރާމްކުރުމުގެ މައްޗަށްކަން ހާމަކޮށް، ޗައިނާއާއެކު އޮތް ގާތް ގުޅުން ވަނީ ފާހަގަކޮށްފައެވެ.
އަދި ދިވެހި ސަރުކާރުގެ މި ނިންމުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ޤަބޫލުކުރާ ނިންމުންތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށާއި، ރާއްޖެއިން ބާރުއަޅަނީ އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ އުސޫލުތައް ކަމަށް ސަރުކާރުން ބުންޏެވެ. އެގޮތުން މުޅި ޗައިނާ ތަމްސީލުކުރާ ހަމައެކަނި ޤާނޫނީ ސަރުކާރަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރު ކަމަށް ރާއްޖެއިން އަބަދުވެސް ބަލައިގަންނަ ކަމަށް ސަރުކާރުން ބުންޏެވެ.
ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ އަސާސްތަކަށް ރިޢާޔަތްކޮށް، ޓައިވާނަކީ ޗައިނާގެ ސަރަޙައްދުން ވަކިކޮށްނުލެވޭނެ ބައެއްގެ ގޮތުގައި ރާއްޖެއިން ދެކެއެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު އޮތީ ހަމައެކަނި ސިޔާސީ ގުޅުމެއް ނޫނެވެ. އެއީ ރާއްޖޭގެ އުމްރާނީ އަދި އިޖުތިމާއީ ތަރައްޤީގެ މުހިންމު ބައިވެރިއެކެވެ. ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ޗައިނާއިން ދޭ އެހީތެރިކަން ފާހަގަކޮށް، މި ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ.