ޓެރިފް ސަސްޕެންޑް ކުރުމުން ޔޫކޭ މާކެޓުން ބޮޑު ހިއްސާއެއް ނެގޭނެ: ތަރުޖަމާނު

Screenshot 2026-05-21 at 12.54.22

އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުގެ އުފެއްދުންތަކުން ނަގާ 20 ޕަސެންޓްފެ ޓެރިފް ނުވަތަ ޑިއުޓީ ދެ އަހަރަށް ސަސްޕެންޑްކުރަން ނިންމުމުން، އެގައުމުގެ ކަނޑުމަހުގެ ބާޒާރުން ރާއްޖެއަށް ބޮޑު ހިއްސާއެއް ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ރޭ ވިދާޅުވެއްޖެއެވެ.

މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ހުރަސް ނެތިގެންދިޔަ ތާރީޚީ ނިންމުމެކެވެ. މީގެ ކުރިން ރާއްޖޭގެ މަސްވެރިންނާއި އެކްސްޕޯޓަރުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، އެހެން ޤައުމުތަކާ އެއް ހަމައެއްގައި ވާދަކުރުމަށް އޮތް 20 އިންސައްތައިގެ ޓެކްސް ބުރައެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުންދު ފާހަގަކުރެއްވި ގޮތުގައި، އިނގިރޭސި މާކެޓްގައި ރާއްޖެއާ ވާދަކުރާ އިކުއެޑޯ، ސީޝެލްސް، އަދި މޮރިޝަސް ފަދަ ޤައުމުތަކުން މީގެ ކުރިން މަސް އެކްސްޕޯޓް ކުރަމުން ދިޔައީ އެއްވެސް ޑިއުޓީއަކާ ނުލައެވެ.

އިނގިރޭސިވިލާތަށް މަސް އެތެރެކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ މިހާރު އޮތީ 9 ވަނައިގައެވެ.

"މިއޮތްހާ ދުވަހު އަޅުގަނޑުމެން ވާދަކުރީ 20 ޕަސެންޓުގެ ބޮޑު ޓެކުހެއް ބުރަދަނާއެކު. މި ހުރަސް ނެތުމުން ރާއްޖޭގެ ވިޔަފާރިވެރިންނަށް މާކެޓްގައި ބޮޑު ކުރިއެރުމެއް ހޯދޭނެ،" މުންދު ވިދާޅުވިއެވެ.

ރާއްޖެއިން އެކްސްޕޯޓްކުރާ ދަޅުމަހާއި ޕައުޗް ޓޫނާއަކީ އިނގިރޭސިވިލާތުގެ ކޮންސިއުމަރުންގެ މެދުގައި ކުރިއްސުރެ ވެސް މަޤްބޫލު، ފެންވަރު ރަނގަޅު އުފެއްދުންތަކެކެވެ.

ޔޫރަޕްގެ ބާޒާރުން ލިބޭ އަގު ކުޑަވުމަކީ ދިވެހި މަސްވެރިން ކުރަމުންދާ އެންމެ ބޮޑު ޝަކުވާއެވެ. އެކި ސަރުކާރުތަކުން އިނގިރޭސިވިލާތާއެކު މި މަޝްވަރާތައް ކުރަމުންދާތާ އަހަރުތަކެއް ވެފައިވާއިރު، މި ފަހަރު ލިބުނު ލުޔަކީ 2028 ވަނަ އަހަރާ ހަމައަށް ދެމިއޮންނާނެ ލުޔެކެވެ. މި ބަދަލާއެކު ދައުލަތުގެ މަސް ކުންފުނިތަކަށާއި އަމިއްލަ އެކްސްޕޯޓަރުންނަށް އިނގިރޭސިވިލާތަށް ފޮނުވާ މަހުގެ އަދަދު ބޮޑުތަނުން އިތުރުކުރެވި، މަސްވެރިންނަށް ލިބޭ އާމްދަނީއަށް އޭގެ ހެޔޮ ބަދަލު އަންނާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ. މިއީ ރާއްޖޭގެ 'ބްލޫ އިކޮނޮމީ' ނުވަތަ ނޫ އިޤްތިޞާދު ބައިނަލްއަޤްވާމީ މައިދާނުގައި ވަރުގަދަކުރުމަށް ލިބުނު ރަނުގެ ފުރުޞަތެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ