ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އަލަށް އުފެއްދެވި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ އިސްވެރިޔަކަށް ޑރ. މުޙައްމަދު މާހިދު ޝަރީފް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ޑރ. މާހިދު ޝަރީފް އައްޔަންކުރައްވާފައިވަނީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސްގެ މަޤާމަށެވެ. މި މަޤާމަކީ މިނިސްޓަރުގެ ފެންވަރުގެ މަޤާމެކެވެ. އޭނާ މި މަޤާމަށް އައްޔަންކުރެއްވީ މި ހިނގާ މޭ މަހުގެ 18ވަނަ ދުވަހުއެވެ.
ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯއަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޤާއިމުކުރެއްވި ޚާއްޞަ އިދާރާއެކެވެ. މި ބިއުރޯގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ އަޑު ގާތުން އަހައި، ހުށަހެޅޭ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމެވެ. މި ބިއުރޯއިން 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭނެ ކޯލް ސެންޓަރެއްގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ޝަކުވާތައް ބަލަހައްޓާނެ ޑިޖިޓަލް ނިޒާމެއްވެސް ބޭނުންކުރާނެއެވެ.
މިފަދަ ބިއުރޯއެއް އުފައްދަވާނެކަން ރައީސް މުޢިއްޒު އިޢުލާންކުރެއްވީ މިއަހަރުގެ ފެބުރުވަރީ މަހުގެ 5ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މިއީ ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެއެވެ.
ޑރ. މާހިދު ޝަރީފަކީ ތަޢުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާ ވަނީ ޑޮކްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވައި، ސަރުކާރުގެ އެކި ވުޒާރާތަކުގެ ޕަރމަނަންޓް ސެކްރެޓެރީކަމާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ވައިސް ޗާންސެލަރކަން ކުރައްވާފައެވެ. މި މަޤާމަށް އައްޔަންކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ސީއީއޯގެ މަޤާމުގައެވެ.