ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތްކުރުމަށް އީޔޫއިން 4 މިލިއަން ޔޫރޯގެ އެހީއެއް ދީފި

އީޔޫއިން ރާއްޖެއަށް އެހީދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން. ފޮޓޯ: ފޮރިން މިނިސްޓްރީ
އީޔޫއިން ރާއްޖެއަށް އެހީދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން. ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހިރާއްޖޭގެ ކަނޑޫފާތައް ހިމާޔަތްކޮށް އާލާކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއަކަށް ވިލާތުގެ އިއްތިހާދު (އީޔޫ) އިން 4 މިލިއަން ޔޫރޯގެ އެހީއެއް ދިނުމަށް ނިންމައި، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 66 މިލިއަން ރުފިޔާގެ އެހީއެކެވެ.

"ކޮމިއުނިޓީ ބޭސްޑް މަންގްރޫވް ޕްރޮޓެކްޝަން އެންޑް ރިޖެނެރޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ހިންގާ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ޚާރިޖީ ވުޒާރާގައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދެވެ. އީޔޫގެ ފަރާތުން ސޮއިކުރެއްވީ އެ އިއްތިހާދުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ފަރާތްޕުޅުން، އީޔޫ ޑެލިގޭޝަންގެ ހެޑް އޮފް ކޯޕަރޭޝަން ޑރ. ޔޯހަން ހެސޭއެވެ.

މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރަށްރަށުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމާއި، ދިރޭތަކެތީގެ ނަސްލު ރައްކާތެރިކުރުމުގައި ކަނޑޫފާތަކުން އަދާކުރާ މުހިންމު ދައުރު ފުޅާކުރުމެވެ. މީގެ އިތުރުން، މިއީ ޕެރިސް އެގްރީމަންޓުގެ ދަށުން ރާއްޖެއިން ކަނޑައަޅާފައިވާ "ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަންސް" (އެންޑީސީ) ގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ސީދާގޮތުން އެހީތެރިވެދޭނެ މަސައްކަތެކެވެ.

އެއްބަސްވުން ބަދަލުކުރެއްވުމަށްފަހު ސްޓޭޓް މިނިސްޓަރު ޝެރީނާ ވަނީ، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކާއި ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން އީޔޫއިން ދެމުންގެންދާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އީޔޫގެ މަންދޫބު ޑރ. ޔޯހަން ހެސޭ ވިދާޅުވީ، ކަނޑޫފާތަކަކީ ކާބަން ރައްކާކޮށްދޭ މުހިންމު ވަސީލަތްތަކެއް ކަމަށާއި، މި ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމުގައި އާންމު ރައްޔިތުންގެ ބައިވެރިވުން ނުހަނު މުހިންމު ކަމަށެވެ.

މި އިސްނެގުމުގެ ސަބަބުން ރާއްޖޭގެ ނާޒުކު ތިމާވެށި މެނޭޖުކުރުމުގެ ގާބިލުކަން އިތުރުވެ، ދެމެހެއްޓެނިވި ތަރައްގީއަށް ކުރާ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ތިލާރިއަށް ސަތަރިގަނެފަ ކަނޑޫފާތައްމަތީގައަޅަންވީ. އޭރުންހުންނާނީހިމާޔަތްވެފ

ފަހުގެ