ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންގެ މުސާރަ ބޮޑުކޮށްފި

މާލޭ ސިޓީ ކައުންސިލުގެ އަންހެނުންގެ ކޮމެޓީއަށް ހޮވުނު މެމްބަރުން. ފޮޓޯ: މިހާރު
މާލޭ ސިޓީ ކައުންސިލުގެ އަންހެނުންގެ ކޮމެޓީއަށް ހޮވުނު މެމްބަރުން. ފޮޓޯ: މިހާރު

ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ މުސާރަ އެތައް ގުނައެއް ބޮޑުކުރުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފިއެވެ. މި ބަދަލު ގެނައުމަށް ނިންމާފައިވަނީ އަންހެނުންގެ ކޮމެޓީތަކަކީ ފުލްޓައިމްކޮށް މަސައްކަތްކުރަންޖެހޭ ބައެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން، އެ ކޮމެޓީތަކުގެ މުސާރައިގެ އޮނިގަނޑު މުރާޖައާކުރުމަށްފަހުގައެވެ.

ޕޭ ކޮމިޝަނުން ކަނޑައެޅި އާ އޮނިގަނޑުގެ ދަށުން، ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންގެ މުސާރަ މަހަކު 41,500ރ. އަށް ބޮޑުވާނެއެވެ. މީގެ ތެރޭގައި ހިމެނެނީ އަސާސީ މުސާރައިގެ ގޮތުގައި ކަނޑައެޅި 33,000ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި ދޭ 8,500ރ. އެވެ. މީގެ ކުރިން ސިޓީތަކުގެ ކޮމެޓީތަކުގެ ރައީސުންނަށް މުސާރައިގެ ގޮތުގައި ލިބެމުންދިޔައީ މަހަކު 7,000ރ. އެވެ.

ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންގެ މުސާރަ 21,000ރ. އަށް ބޮޑުކުރުމަށްވެސް ވަނީ ނިންމާފައެވެ. އެއީ މުސާރައިގެ ގޮތުގައި 16,500ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި 4,500ރ. އެވެ. މީގެ ކުރިން ރަށްރަށުގެ ކޮމެޓީތަކުގެ ރައީސުންނަށް ލިބެމުން އައީ މަހަކު 6,000ރ. އެވެ. މި ބަދަލާއެކު، ކޮމެޓީތަކުގެ ނައިބު ރައީސުންނާއި މެމްބަރުންގެ މުސާރައަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން ސިޓީތަކުގެ ނައިބު ރައީސުންގެ މުސާރަ 7,000ރ. އަށް އަދި ރަށްރަށުގެ ނައިބު ރައީސުންގެ މުސާރަ 6,000ރ. އަށް ބޮޑުކުރުމުގެ އިތުރުން، ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500ރ. ގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކޮމެޓީތަކުގެ މެމްބަރުންގެ އަސާސީ މުސާރައަށް ބަދަލެއް ނުގެނައި ނަމަވެސް، އެ މީހުން ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށްވެސް 500ރ. ގެ އެލަވަންސެއް ދިނުމަށް ޕޭ ކޮމިޝަނުން ވަނީ ނިންމާފައެވެ.

މި ބަދަލުތައް ގެނައުމުގެ ކުރިން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ޕޭ ކޮމިޝަނަށް ހުށަހަޅާފައިވަނީ މިއަށްވުރެ ކުޑަ މުސާރައެއް ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން އެލްޖީއޭއިން ކުރިން ހުށަހެޅީ ސިޓީތަކުގެ ރައީސުންނަށް 20,000ރ. އަދި ރަށްރަށުގެ ރައީސުންނަށް 15,000ރ. ދިނުމަށެވެ. މުސާރައަށް ގެނައި މި ބަދަލުތައް މިހާރު ވަނީ ކޮމެޓީތަކުގެ މެމްބަރުންނަށް އަންގާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ