މާލެ ސަރަހައްދުގައި ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރުމަށް އެމްއެންޑީއެފުން ތައްޔާރުވެއްޖެ

IMG_2432

މިއަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން "ޢީދު ހަވީރު 1447" ގެ ނަމުގައި ގްރޭޓާ މާލެ ސަރަހައްދުގައި ޚާއްޞަ ހަރަކާތްތަކެއް ބޭއްވުމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން ނިންމައިފިއެވެ. މި ހަރަކާތަކީ ސިފައިންނާއި ފުލުހުންގެ އިތުރުން ދައުލަތުގެ 10 ކުންފުންޏެއް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މާލޭގައި މި ހަރަކާތްތައް ކުރިއަށްދާނީ މި މަހުގެ 27 އިން 29 އަށް، ސަލްޓަން ޕާކާއި، ޖުމްހޫރީ މައިދާނާއި، ރަސްމީ ފާލަން ހިމެނޭ ސަރަހައްދުގައެވެ. މި ހަރަކާތްތަކުގެ ތެރޭގައި ވޯޓަރ ފައުންޓެއިން، ފޯމް ބާތް ޕޫލް، އަދި ރެޕަލިންގ ކުރުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން ސިފައިން ބޭނުންކުރާ އެކި ބާވަތުގެ ހަތިޔާރާއި އުޅަނދުތައް ދައްކާލުމާއި، އެ ތަކެއްޗާއެކު ފޮޓޯ ނެގުމުގެ ފުރުޞަތު ވެސް އާންމުންނަށް ލިބިގެންދާނެއެވެ.

ހުޅުމާލޭގައި މި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެންޓްރަލް ޕާކާއި ފޭސް 2 ގެ ހިޔާ ޕާކުގައެވެ. ހުޅުމާލޭގައި ވެސް ރެޕަލިންގ ކުރުމާއި ވޯޓަރ ސްލައިޑިންގ ފަދަ ކުޅިވަރުތައް އޮންނާނެއެވެ. ވިލިމާލޭގައި ޢީދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 އިން 30 އަށް އެ އަވަށުގެ ފުޓްބޯޅަ ދަނޑުގައެވެ.

މި ހަރަކާތުގައި ބައިވެރިވާ ކުންފުނިތަކުގެ ތެރޭގައި ސްޓެލްކޯ، އެމްޑަބްލިޔުއެސްއީ، ވެމްކޯ، އެމްޕީއެލް، އެމްޓީސީސީ، އެމްއޭސީއެލް، މިފްކޯ، އާރުޑީސީ، އެޗްޑީސީ އަދި އެފްޑީސީ ހިމެނެއެވެ. ކޮންމެ ދުވަހެއްގެ ވެސް ހަވީރު 16:00 އިން 18:00 އަށް ކުރިއަށްދާ މި ހަރަކާތްތަކުގެ ތެރެއިން ބައެއް ސަރަހައްދުތަކުގައި ކެންޓީނުގެ ޚިދުމަތް ވެސް ލިބެން ހުންނާނެ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ