ރާއްޖޭގައި ސިޔާސީ ގޮތުން ބަދަލުހިފުމާއި، ވާދަވެރި ސިޔާސީ ލީޑަރުން ޖަލަށްލައި އަނިޔާވެރިވުމުގެ ސަގާފަތް މިހާރު މުޅިން ނިމުމަކަށް ގެނެސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ސިޔާސީ ހަމަޖެހުން ގެނައުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށާއި، އެކަން މިހާރު ފުރިހަމައަށް ހާސިލުކުރެވިފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި އެއްވެސް ސިޔާސީ ވެރިއަކަށް ބަދަލުހިފުމުގެ ގޮތުން އަނިޔާވެރިވެފައެއް ނުވާނެއެވެ. ކުރީގެ ސަރުކާރުތަކުގައި ކުރީގެ ރައީސުން ޖަލަށްލުމަކީ "ހޮބީއެއް" ފަދަ ކަމަކަށް ވެފައި އޮތް ނަމަވެސް، އެމަނިކުފާނުގެ ވެރިކަމުގައި އެއްވެސް ސިޔާސީ ވެރިއަކު، ވަކިން ހާއްސަކޮށް ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ޖަލަށްލާފައި ނުވާނެ ކަމަށް ވިދާޅުވިއެވެ. މިއީ އެމަނިކުފާނުގެ ސަރުކާރުން ހޯއްދެވި ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ސިޔާސީ ހަރަކާތްތައް ހިންގުމުގެ މިނިވަންކަން މިއަދު ކަށަވަރުވެފައިވާ ކަމަށާއި، ސިޔާސީ މީހަކަށް ވީތީ އެއްވެސް ބިރެއް އޮންނަން ނުޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، ޗާޓުން ބޭރުން ވެރިކަން ބަދަލުކުރަން އުޅުމާއި، ގައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރާ ދެކޮޅުވެރިކަން ދެއްކުމުގެ ނަމުގައި ޑިމޮކްރެޓިކް ނިޒާމު ފުނޑާލުމަށް ކުރާ މަސައްކަތްތަކާ މެދު ރައްޔިތުން ސުވާލު އުފައްދަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އިދިކޮޅު ފަރާތްތަކަށް ވެސް މުހިންމު އިލްތިމާސެއް ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި މިވަގުތު ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނުވަތަ ވެރިންނެއް ނެތުމަކީ ކަންބޮޑުވުމެއް ކަމަށެވެ. ޒިންމާދާރު އިދިކޮޅު ފަރާތްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އިތުރުން، ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި ސަރުކާރަށް އެއްބާރުލުންދޭ ބަޔަކަށް ވާންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ކަންކަން ކުރަމުންދާނީ އެއްވެސް ތަފާތުކުރުމެއް ނެތި، ހުރިހާ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.