ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައިގެ ތެރޭ އިޓަލީގެ ޑައިވަރުންތަކެއް މަރުވި ހާދިސާއާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބޭނުންކުރި ސާމާނު މޫދު އަޑިން ނަގައި، ތަހުގީގަށް ބޭނުންވެދާނެ ހެކި ދިވެހި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ޑައިވަރުންގެ ހަށިތައް ނެގުމުގެ މަސައްކަތްކުރި ޑޭން ޔޫރަޕުން ބުނެފިއެވެ.
ޑޭން ޔޫރަޕުން ނެރުނު ބަޔާނެއްގައި ބުނީ، ކަނޑުއަޑީގެ ހުރިހާ މަސައްކަތްތަކެއް ނިންމާލުމުގެ ގޮތުން އިއްޔެ އެންމެ ފަހު ޑައިވް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މޫސުން ގޯސްވެ، އޮއިވަރު ބާރުވުމުގެ ސަބަބުން މަސައްކަތް ފެށުން ލަސްވި ނަމަވެސް، ތިން ގަޑިއިރުގެ މި ޑައިވް ކާމިޔާބުކަމާއެކު ވަނީ ނިންމާލާފައެވެ.
އެންމެ ފަހު ޑައިވްގެ މައިގަނޑު ބޭނުމަކީ ހޮހަޅައިގެ ތެރޭގައި ހުރި ތަކެތި ސާފުކުރުމެވެ. މީގެ ތެރޭގައި އޮޕަރޭޝަންގައި ބޭނުންކުރި ގައިޑްލައިންތަކާއި ސާމާނުތައް ނެގުން ހިމެނެއެވެ. މިއީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް ބައިނަލްއަގުވާމީ މިންގަނޑުތަކުގެ ދަށުން ކުރި މަސައްކަތެކެވެ.
ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑުތަކާއި، ތަހުގީގަށް ބޭނުންވެދާނެ އިތުރު ހެކިތައް މިހާރު ވަނީ ދިވެހި ފުލުހުންނާ ހަވާލުކޮށްފައެވެ. މި މައްސަލައިގެ ޖިނާއީ ތަހުގީގެއް އިޓަލީ ސަރުކާރުން ވެސް ވަނީ ފަށާފައެވެ.
ޑޭން ޔޫރަޕްގެ ސީއީއޯ ލޯރާ މަރޯނީ ވިދާޅުވި ގޮތުގައި، ޑައިވަރުން މަރުވީ ހޮހަޅައިގެ ތެރޭގައި މަގުއޮޅި، ކޮޅުބެދިފައިވާ ތިންވަނަ ބަޔަށް ވަދެވި ކުރިމަތިވި ހާސްކަމުގެ ތެރޭގައެވެ. ހަތަރު ޑައިވަރެއްގެ ހަށިގަނޑު ފެނުނީ ހޮހަޅައިގެ ތިންވަނަ ބައިގެ ތެރެއިންނެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ޓެކްނިކަލް އަދި ކޭވް ޑައިވިންގެ އެންމެ މަތީ ސަލާމަތީ މިންގަނޑުތަކަށް ފެތޭގޮތަށް، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. ޑޭން އިން ވަނީ މި މަސައްކަތުގައި އެހީތެރިވި ދިވެހި އަދި ބޭރުގެ ހުރިހާ މުއައްސަސާތަކަށް ޝުކުރު އަދާކޮށްފައެވެ.