އަހަރުގެ މިހާތަނަށް ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓުގެ ގޮތުގައި ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ކައުންސިލްތަކަށް އެންމެ ބޮޑު ބަޖެޓެއް ދިނުމަށް ކަނޑައެޅި އަހަރެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދޫކޮށްފައިވަނީ 718.2 މިލިއަން ރުފިޔާ ނަމަވެސް، މިއަހަރު މިހާތަނަށް ވަނީ 1 ބިލިއަން ރުފިޔާ ދޫކޮށްފައެވެ.
މިއަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ޖުމްލަ 2.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިއީ 2023 އަދި 2024 ވަނަ އަހަރަށްވުރެ ވެސް ބޮޑު އަދަދެކެވެ.
މި އަހަރުގެ އެންމެ ބޮޑު އިދާރީ ބަދަލަކީ އަތޮޅު ކައުންސިލްތައް އުވިގެން ދިއުމެވެ. މީގެ ސަބަބުން ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ލިބޭ ފައިސާގެ މިންވަރު އިތުރުވެ، މާލީ މިނިވަންކަން ބޮޑުވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.
ކުރިއަށް އޮތް ތަނުގައި ފައިސާ ކަނޑައެޅުމުގައި ހަމައެކަނި އާބާދީއަށް ބެލުމުގެ ބަދަލުގައި، ރަށުގެ ބިމުގެ ބޮޑުމިނަށް ބަލައިގެން "ފިސްކަލް ފޯމިއުލާ" ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މާލޭ ސިޓީ ކައުންސިލަކީ މިހާރުވެސް ބްލޮކް ގްރާންޓުން އެންމެ ބޮޑު ހޭދައެއް ކުރެވޭ އިދާރާއެވެ. ސަރުކާރުގެ އަމާޒަކީ މި ބަދަލުތަކާއެކު ކައުންސިލްތަކުގެ މާލީ ތަނަވަސްކަން އިތުރުކޮށް، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ކައުންސިލްތައް މެދުވެރިކޮށް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމެވެ.