ސައުދީގައި ބާއްވާ ކިންގް އަބްދުލްއަޒީޒް ގުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިން ހޯދަނީ

މިދިޔަ އަހަރު ސައުދީއަރަބިއްޔާގައި އޮތް މުބާރާތެއްގެ ތެރެއިން
މިދިޔަ އަހަރު ސައުދީއަރަބިއްޔާގައި އޮތް މުބާރާތެއްގެ ތެރެއިން

ސައުދީ އަރަބިއްޔާގެ މައްކާގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 46 ވަނަ "ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް ކޮމްޕެޓިޝަން ފޮ ދަ މެމޮރައިޒޭޝަން، ރެސިޓޭޝަން އެންޑް އިންޓަޕްރިޓޭޝަން އޮފް ދަ ހޮލީ ގުރުއާން" ގައި ރާއްޖޭގެ ފަރާތުން ބައިވެރިވާނެ ފަރާތްތައް ހޮވުމުގެ މަސައްކަތް ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ފަށައިފިއެވެ.

ގުރުއާނާ ބެހޭ މަރުކަޒުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި މުބާރާތުގެ ދެ ކެޓެގަރީއަކުން ރާއްޖެ ތަމްސީލުކުރާނެ ބައިވެރިން ހޮވާނެ ކަމަށެވެ. އެއީ މުޅި ގުރުއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ބަޔާއި، ވިދިވިދިގެން ގުރުއާނުގެ 15 ފޮތް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ބައެވެ. މި ކޮންމެ ކެޓެގަރީއަކުން ވެސް އަންހެން އަދި ފިރިހެން ބައިވެރިއަކު ހޮވުމަށް ވަނީ ނިންމާފައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ އާންމު ޝަރުތުތަކުގެ ތެރޭގައި 14 އޮގަސްޓް 2002 ގެ ފަހުން އުފަންވެފައިވާ ފަރާތަކަށް ވުން ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގެ މަޝްހޫރު ގާރީއަކަށް ނުވުމާއި، މީގެ ކުރިން މި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތަކަށް ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މުބާރާތަށް ބައިވެރިން ހޮވުމުގައި އަމަލުކުރާނެ އުސޫލަކީ، ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ގުރުއާނާ ބެހޭ މަރުކަޒުން އިމްތިހާނެއް ބޭއްވުމަށްފަހު އެންމެ މަތިން މާކްސް ހޯދާ ފަރާތްތައް ހޮވުމެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތެއް ނުވަތަ ލޮލަށް ފެނުމުން މަހުރޫމުވެފައިވާ ފަރާތެއް ނުވަތަ 17 އަހަރު ނުފުރޭ ކުއްޖަކު މުބާރާތަށް ހޮވިއްޖެނަމަ، އެ ފަރާތަކާއެކު ބެލެނިވެރިއަކު ގެންދިއުމުގެ އިންތިޒާމު މުބާރާތް އިންތިޒާމުކުރާ ފަރާތުން ހަމަޖައްސައިދޭނެ ކަމަށް ވެސް އެ މަރުކަޒުން ބުނެއެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ގޫގުލް ފޯމު މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ބާއްވާ އެންމެ ޝަރަފުވެރި އެއް ގުރުއާން މުބާރާތްކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ