އަލިމަތާ ހޮހަޅައިގައި ޑައިވަރުން މަރުވީ މަގު އޮޅި، ކޮޅުބެދިފައިވާ ބަޔަކަށް ވަދެވިގެން ކަމަށް ބެލެވޭ

Asset 1@3x

ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައެއްގެ ތެރޭގައި އިޓަލީގެ ފަސް ޑައިވަރުން މަރުވީ، ހޮހަޅައިގެ ތެރެއިން ނުކުމެވޭނެ މަގު އޮޅި، ކޮޅުބެދިފައިވާ ބަޔަކަށް ވަދެވުމުން ކުރިމަތިވި ހާސްކަމުގެ ތެރޭގައި ކަމަށް، އެމީހުންގެ ހަށިތައް ނެގުމުގައި އެހީތެރިވި ތަޖުރިބާކާރުން ބުނެފިއެވެ.

ޑައިވިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާ، ޑޭން ޔޫރަޕްގެ ސީއީއޯ ލޯރާ މަރޯނީ އިޓަލީގެ ނޫހަކަށް ދެއްވި މައުލޫމާތުގައި ވިދާޅުވީ، މި ހާދިސާ ހިނގަން މެދުވެރިވީ ހޮހަޅައިގެ ދެވަނަ ބައިގެ ތެރޭގައި އުޅެނިކޮށް މަގު ކިލަނބުވެ، ނުކުމެވޭނެ އަލިކަމެއް ނުފެނުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން 30 މީޓަރުގެ ދިގު ހަނި މަގަކުން ދެވަނަ ބަޔަށް ވަދެވުނު ނަމަވެސް، އެނބުރި ނުކުންނަން އުޅުމުގެ ތެރޭގައި ވެލީގެ ސަބަބުން މަގު ފެންނަން ނެތުމުން ޑައިވަރުންނަށް އޮޅިގެން ވަދެވުނީ ކޮޅުބެދިފައިވާ ތިންވަނަ ބަޔަށް ކަމަށް އޭނާ ލަފާކުރެއްވިއެވެ.

މަރޯނީ ފާހަގަކުރެއްވި ގޮތުގައި، މަރުވި ޑައިވަރުން ބޭނުންކޮށްފައިވަނީ 12 ލިޓަރުގެ އާދައިގެ އޮކްސިޖަން ފުޅިތަކެކެވެ. މިއީ 100 ފޫޓަށް ވުރެ ފުނަށް ފީނާއިރު، ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ އެކަށީގެންވާ ވަގުތު ލިބޭނެ މިންވަރެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން މި ދައްކަނީ އެންމެ 10 މިނެޓްގެ ވާހަކަ. ފަހަރެއްގައި އެއަށްވުރެ ވެސް ކުޑަ އިރުކޮޅެއް،" މަރޯނީ ވިދާޅުވިއެވެ.

މަގު އޮޅި، ފުޅީގައި ވައި މަދުވާކަން އެނގުމުން އިންތިހާއަށް ބިރުގަނެ ހާސްވާނެ ކަމަށާއި، އޭގެ ސަބަބުން އަވަސްއަވަހަށް ނޭވާލެވި، އިސާހިތަކު ވައި ހުސްވާނެ ކަމަށް ވެސް އޭނާ ތަފްސީލުކޮށްދެއްވިއެވެ. މި ހާދިސާގައި މަރުވި ފަސް މީހުންގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 165 ފޫޓު (50 މީޓަރު) އަޑިންނެވެ.

މި ހާދިސާގައި މަރުވީ މޮނިކާ މޮންޓެފަލްކޯން (52އ) އާއި އޭނާގެ ދަރިފުޅު ޖޯޖިއާ ސޮމަކާލް (20އ) ގެ އިތުރުން މުރިއެލް އޮޑެނީނޯ (31އ)، ފެޑެރިކޯ ގުއަލްޓިއޭރީ (31އ) އަދި އިންސްޓްރަކްޓަރު ޖިއާންލޫކާ ބެނެޑެޓީ (44އ) އެވެ. މީގެ ތެރެއިން ބައެއް މީހުންނަކީ ރާއްޖޭގެ ސޮފްޓްކޮރަލްއާ ބެހޭ ދިރާސާއެއް ކުރުމަށް ހުއްދަ ނަގައިގެން އައި ބައެކެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި، މި ޓީމަށް 40 މީޓަރަށް ވުރެ އަޑިއަށް ފީނުމުގެ ހުއްދަ އޮތް ނަމަވެސް، އެމީހުން ހޮހަޅައަކަށް ވަންނަން އުޅޭކަން އަންގާފައެއް ނުވެއެވެ. އަދި ޓީމުގައި ހިމެނޭ ދެ މީހަކީ ހުއްދަ ދިން ލިސްޓުގައި ނެތް ދެ މީހުން ކަމަށް ވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މި ހާދިސާގައި މަރުވި މީހުން ހޯދުމުގެ މަސައްކަތުގައި އުޅުނު ދިވެހި ސިފައިންގެ ޑައިވަރަކު ވެސް ވަނީ ނިޔާވެފައެވެ. މި މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ޑައިވަރުންގެ ކެމެރާތަކުން ލިބޭނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ