ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބުރު ފުރިހަމަކޮށް ދަސްވެނިވި 63 ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ މި ޕްރޮގްރާމްގެ ދެވަނަ ބުރު އަންނަ މަހުގެ ފުރަތަމަ ދުވަހު ފެށޭނެކަންވެސް އިޢުލާނު ކުރައްވާފައެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް 63 ޒުވާނުން މިއަދު ވަނީ ދަަސްވެނިވެފައި. މީގެ ތެރޭގައި ހިމެނެނީ، 17 އަހަރުގެ 37 ޒުވާނުންނާއި، 18 އަހަރުގެ 24 ޒުވާނުން އަދި 19 އަހަރުގެ 2 ޒުވާނުން. މި މުނާސަބަތުގައި ހުރިހާ ދަސްވެނިންނަށާއި، ދަސްވެނިންގެ… pic.twitter.com/VefQj3GsNt
— Dr Mohamed Muizzu (@MMuizzu) May 23, 2026
މިފަހަރު ދަސްވެނިވި 63 ދަރިވަރުންގެ ތެރޭގައި ހިމެނެނީ 17 އަހަރުގެ 37 ޒުވާނުންނާއި، 18 އަހަރުގެ 24 ޒުވާނުންގެ އިތުރުން 19 އަހަރުގެ 2 ޒުވާނުންނެވެ. މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދަސްވެނިވި ހުރިހާ ދަރިވަރުންނަށާއި، އެ ކުދިންގެ ބެލެނިވެރިންނަށް ތަހުނިޔާ ފޮނުއްވާފައެވެ. އަދި މި ޕްރޮގްރާމް ހިންގުމުގައި ބައިވެރިވި މުދައްބިރުންނަށާއި، މިނިސްޓްރީ އޮފް ޑިފެންސް އަދި އެމް.އެން.ޑީ.އެފްގެ އެންމެހާ މުވައްޒަފުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
މި ފަންނީ ތަމްރީނަކީ ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރި ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ތަމްރީނުތަކުގައި ބައިވެރިވެފައިވަނީ 2025 ޑިސެމްބަރު 28 ގައި ދަސްވެނިވި ފުރަތަމަ ބެޗުގެ ދަރިވަރުންގެ ތެރެއިން މި ދާއިރާއަށް ޝައުޤުވެރިކަން ފާޅުކުރި ކުދިންނެވެ. ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނުތައް ހިންގާފައިވަނީ އެމް.އެން.ޑީ.އެފް ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގައެވެ.
ރައީސް މުޢިއްޒު ހާމަކުރެއްވި ގޮތުގައި، މި ޕްރޮގްރާމްގެ ދެވަނަ ބުރު އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހު ފެށޭއިރު، އެ ބުރުގައި 75 ޒުވާނުން ބައިވެރިވާނެއެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުން މިހާތަނަށް 344 ބައިވެރިން ވަނީ ދަސްވެނިވެފައެވެ.
ނޭޝަނަލް ސަރވިސް ނުވަތަ ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރުން ޒުވާނުން ބިނާކުރުމަށް ގެންގުޅުއްވާ އެންމެ މުހިންމު އެއް ސިޔާސަތެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންގެ ކިބައިގައި މަސައްކަތުގެ އަޚުލާޤާއި، ސުލޫކު އަދި ބޭނުންތެރި ހުނަރުތައް އަށަގަންނުވައި، ޤައުމަށް ފައިދާހުރި ޒިންމާދާރު ބަޔަކަށް ޒުވާނުން ހެދުމެވެ.