ރާއްޖެއިން ހިމަބިހީގެ ކޭސްތަކެއް ފެންނަމުންދާތީ، އެ ބަލީގެ އަލާމާތްތައް ހުންނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހާއްސަ ހެލްޕް ޑެސްކެއް ގާއިމްކޮށްފިއެވެ. މި ހެލްޕް ޑެސްކަކީ ހުމާއެކު ހަމުގައި ރަތްކުލައިގެ ބިހި ނެގުން ފަދަ ހިމަބިހީގެ އަލާމާތްތައް ހުންނަ ފަރާތްތަކަށް އިރުޝާދާއި އެހީތެރިކަން ދިނުމަށް ހުޅުވި ތަނެކެވެ.
އައިޖީއެމްއެޗުން ބުނި ގޮތުގައި މި ހެލްޕް ޑެސްކް ގާއިމްކޮށްފައިވަނީ އެ ހޮސްޕިޓަލުގެ ބޮޑެތި މީހުންގެ ކުއްލި ފަރުވާދޭ ބައި ނުވަތަ މެއިން އީއާރްގެ އެމްބިއުލަންސް ޕޯޓިކޯ ކައިރީގައެވެ. މި ޑެސްކުގެ ހިދުމަތް ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ރޭގަނޑު 23:00 އަށް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. އަދި ރޭގަނޑު 11 ގެ ފަހުން ބަލީގެ އަލާމާތްތައް ހުރެގެން ކުއްލި ފަރުވާ ބޭނުންވާ ހާލަތްތަކުގައި ހޮސްޕިޓަލުގެ އީއާރް މެދުވެރިކޮށް ފަރުވާ ހޯދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ހިމަބިއްސަކީ ރާއްޖެއިން މީގެ ކުރިން ނައްތާލާފައިވާ ބައްޔެއް ނަމަވެސް، މި އަހަރުގެ މިހާތަނަށް މި ބަލީގެ ޖުމުލަ ހަތް ކޭހެއް ވަނީ ފެނިފައެވެ. މި ކޭސްތަކާ ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން، މިހާތަނަށް 74 އަށް ވުރެ ގިނަ ކޮންޓެކްޓުން ދެނެގަނެވިފައިވާ ކަމަށް ސިއްހީ އިދާރާތަކުން ބުނެއެވެ. އެހެންކަމުން، ކުޑަކުދިންނާއި މާބަނޑު މީހުން ހިމެނޭހެން އެއްވެސް މީހެއްގެ ކިބައިން ހުމާއެކު ރަތް ބިހި ނެގުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ހެލްޕް ޑެސްކަށް ރިޕޯޓް ކުރުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފައެވެ.
ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ހޮސްޕިޓަލަށް ޒިޔާރަތްކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ. އެގޮތުން، ހުން އައިސް ބިހި ނަގާފައިވާ ބަލިމީހުން ހޮސްޕިޓަލަށް ދާއިރު މާސްކް އެޅުމަށާއި، ބަލިމީހާއާއެކު އެހީތެރިންގެ ގޮތުގައި ވީހާވެސް މަދު ބަޔަކު ދިއުމަށް އައިޖީއެމްއެޗުން ވަނީ ނަސޭހަތްތެރިވެފައެވެ. މިއީ ބަލި އިތުރަށް ފެތުރުނަ ނުދިނުމަށާއި، ހޮސްޕިޓަލަށް ހިދުމަތް ހޯދަން އަންނަ އެހީތެރިންނާއި އެހެން ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅެކެވެ.