ޕެންޑެމިކް ޕްރޮޓޮކޯލްތަކުގެ ދަށުން އެބޯލާއާއި ހަންޓާ ވައިރަހަށް އެއާޕޯޓުން ސްކްރީން ކުރާނެ: ތަރުޖަމާނު

ކޮވިޑް ދުވަސްވަރު އެއާޕޯޓުގައި ސެކިއުރިޓީ މަސައްކަތް ކުރިއަށް ދިޔަގޮތް. ފޮޓޯ: އޭވިއޭޝަން އެންޑް ޕޯރޓްސް ސެކިއުރިޓީ ކޮމާންޑް
ކޮވިޑް ދުވަސްވަރު އެއާޕޯޓުގައި ސެކިއުރިޓީ މަސައްކަތް ކުރިއަށް ދިޔަގޮތް. ފޮޓޯ: އޭވިއޭޝަން އެންޑް ޕޯރޓްސް ސެކިއުރިޓީ ކޮމާންޑް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ދެ ބަލި ކަމަށްވާ އެބޯލާއާއި ހަންޓާ ވައިރަސް ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށްޓަކައި، ރާއްޖެ އަންނަ ފަރާތްތައް އެއާޕޯޓުން ސްކްރީން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު ވިދާޅުވީ، މި ބަލިތައް ރާއްޖެއަށް އައުމުގެ ފުރުސަތު ކުޑަ ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއާޕޯޓުން މީހުން ސްކްރީން ކުރަމުންދާ ކަމަށެވެ. "ފުރުސަތު ކުޑަ އެކަމަކު ހަމަ އެލާޓުގައި އެބަ މަސައްކަތް ކުރައްވާ. ދެ ބަލިމަޑުކަމަށް ވެސް ނަޒަރު ހިންގަވައިގެން ރާއްޖެ އެތެރެވާ މީހުން، ހާއްސަކޮށް އެއާޕޯޓަށް އަންނަ މީހުން ސްކްރީންކުރަމުން ދަނީ،" އިސްތަރުޖަމާނު ވިދާޅުވިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ގޮތުގައި، ދެކުނު އެމެރިކާގެ ކްރޫޒް ލައިނާ އަކުން ހަންޓާ ވައިރަސް ފެނިފައިވާއިރު، ކޮންގޯ އާއި ޔޫގެންޑާގައި އެބޯލާ ދަނީ ފެތުރެމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މި ބަލިތަކަކީ އާންމު ސިއްހަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، އެޗްޕީއޭއިން ދަނީ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.

ރާއްޖެއަށް މި ދެ ބަލިމަޑުކަން ވެސް އައުމުގެ ފުރުސަތު އޮތް މިންވަރު ކުޑަ ކަމަށް އެޗްޕީއޭއިން ބުންޏެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަލިތައް ފެތުރެމުންދާ ސަރަހައްދުތަކަށް ދަތުރުނުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ