މިއަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ހުރިހާ ހައްޖާޖީންގެ ހާލުވެސް ޖުމްލަގޮތެއްގައި ރަނގަޅުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލްއާ ހަވާލާދެއްވައި، އެއްވެސް ހައްޖުވެރިއަކު ބަލި ހާލަތުގެ ގޮތުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ފަދަ ހާލަތެއް ނެތް ކަމަށެވެ. ނަމަވެސް، ކޮންމެ އަހަރެއްގެވެސް ހައްޖު މޫސުމާ ދިމާކޮށް ސައުދީ އަރަބިއްޔާގައި އާންމުކޮށް ފެތުރޭ ރޯގާގެ އަސަރު ބައެއް ދިވެހި ހައްޖާޖީންގެ ކިބައިން ފެންނަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެއީ ކަންބޮޑުވާންޖެހޭ ފަދަ ސީރިއަސް ހާލަތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
މިއަހަރު ރާއްޖެއަށް ލިބިފައިވާ 1،000 ހައްޖު ކޯޓާގެ ދަށުން ހުރިހާ ހައްޖާޖީންވެސް ހައްޖަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ސަރުކާރުގެ ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުންނެވެ. މި ހުރިހާ ހައްޖާޖީންވެސް މިހާރު ތިބީ ސައުދީ އަރަބިއްޔާގައެވެ. މިއަހަރުގެ ހައްޖު ދަތުރުތަކުގައިވެސް "މައްކާ ރޫޓު އިނީޝިއޭޓިވް" ބޭނުންކޮށްފައިވާއިރު، މީގެ ސަބަބުން ދިވެހި ހައްޖާޖީންނަށް ސައުދީގެ އިމިގްރޭޝަން ކަންކަން ރާއްޖޭގައި ތިބެގެން ނިންމާލުމުގެ ފުރުސަތު ލިބި، ދަތުރުގެ ކަންކަން ވަރަށް ބޮޑަށް ލުއިވެގެން ގޮސްފައިވާކަން ސަރުކާރުން ފާހަގަކުރެއެވެ.
ހައްޖާޖީންނަށް ބޭނުންވާ އެންމެހާ ހިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމަށާއި، އެބޭފުޅުންގެ ދަތުރުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ސަރުކާރުން އަންނަނީ ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ. މިގޮތުން ހައްޖާޖީންގެ ސިއްހީ ކަންކަމާއި އެހެނިހެން ބޭނުންތައް ބެލެހެއްޓުމަށް ހައްޖު މިޝަނުން މައްކާގައި ހަރަކާތްތެރިވަމުންދާނެއެވެ. މިއަހަރުގެ ހައްޖު ދަތުރުތަކަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު ދަތުރުތަކަކަށް ހެދުމަށް ސަރުކާރުގެ ހުރިހާ މުއައްސަސާތަކަކުން ގުޅިގެން މަސައްކަތް ކުރަމުންދާކަންވެސް ތަރުޖަމާނު ވަނީ ހާމަކުރައްވާފައެވެ.